ރާއްޖެއާއި މެކްސިކޯއިން ނުރައްކާތެރި، ފޭކް ބޭސްތަކެއް ފެނިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗުއޯ) އިން މެޑިކަލް އެލާޓެއް ނެރެފިއެވެ.
ޖެނީވާގައި ހުންނަ ޑަބްލިއުއެޗުއޯގެ މައި މަރުކަޒުން ނެރުނު މި އިންޒާރުގައި ބުނެފައިވަނީ، ލޭގެ ކެންސަރުގެ ބާވަތެއް ކަމަށްވާ 'މަލްޓިޕަލް މައިލޯމާ' އާއި އެހެނިހެން ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުންކުރާ 'ޑާޒަލެކްސް' (DARZALEX - daratumumab) އިންޖެކްޝަންގެ ފޭކް ބެޗްތަކެއް ފެނިފައިވާ ކަމަށެވެ. މި މައްސަލަ ރިޕޯޓްކޮށްފައިވަނީ ރާއްޖޭގެ ފުޑް އެންޑ ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި މެކްސިކޯގެ ކަމާބެހޭ އިދާރާތަކުންނެވެ.
މި ބޭސް އުފައްދާ އަސްލު ކުންފުނި ކަމަށްވާ 'ޖެންސެން' (JANSSEN) އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ރާއްޖެއިން ފެނިފައިވާ "STV1K01" ބެޗް ނަންބަރުގެ ފުޅިތަކަކީ އެ ކުންފުނިން އުފައްދާފައިވާ އެއްޗެއް ނޫނެވެ. މީގެ އިތުރުން "MYS7381" ބެޗަކީ ވެސް ފޭކް ބެޗެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. ހާއްސަކޮށް، ރާއްޖެއިން ފެނުނު ބެޗްގެ ފުޅިތަކުގެ ތެރޭގައި ލޮލަށް ފެންނަ ކުނޑި ނުވަތަ ތަޣައްޔަރުވެފައިވާ މާއްދާތަކެއް ހުރިކަން އެމްއެފްޑީއޭ އިން ވަނީ ފާހަގަކޮށްފައެވެ. މި ތަކެތި ފެނިފައިވަނީ ހުއްދަ ނެތް ސަޕްލަޔަރުންގެ އަތުންނާއި، ބައެއް ހޮސްޕިޓަލްތަކުންނެވެ.
ޑަބްލިއުއެޗުއޯއިން އިންޒާރު ދޭ ގޮތުގައި މި ފޭކް ބޭހުގެ ސަބަބުން ބަލިމީހުންގެ ފުރާނައަށް ސީދާ ނުރައްކާވެދާނެއެވެ. މިފަދަ ބޭސްތަކުގައި އެއްވެސް އަސްލު މާއްދާއެއް ނެތުމަކީ ނުވަތަ ގެއްލުންދެނިވި މާއްދާތަކެއް ހުރެގެން އިންފެކްޝަން އުފެދުމާއި، ބަލި އިތުރަށް ގޯސްވުމާއި، އަދި މަރުވުމުގެ ފުރުސަތު އޮތް ކަމެކެވެ. އެހެންކަމުން، ސިއްހީ ހިދުމަތްތެރިންނާއި އާންމުން މިކަމަށް ސަމާލުވުމަށާއި، މި ބެޗްތަކުގެ ބޭސް ގެންގުޅޭނަމަ ބޭނުން ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ބޭސް ބޭނުން ކުރެވިފައިވާނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، މިފަދަ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެމްއެފްޑީއޭއަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
