ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ބުރުގައި އާޖެންޓީނާއާ ދެކޮޅަށް ނުކުންނަ މިސްރު (އީޖިޕްޓް) ޓީމުގެ ހަގީގީ ބާރަކީ ހަމައެކަނި އެ ޓީމުގެ ކެޕްޓަން މުހައްމަދު ސަލާހް ނޫން ކަމަށާއި، އާޖެންޓީނާއަށް މި މެޗު އެއްގޮތަކަށް ވެސް ފަސޭހަނުވާނެ ކަމަށް މިސްރުގެ ކުރީގެ އެސިސްޓަންޓް ކޯޗު ޓީޓޯ ގާސިއާ ސަންހުއާން ބުނެފިއެވެ.

ހާވިއޭ އަގީރޭގެ އިރުޝާދުގެ ދަށުން މިސްރު ޓީމަށް ކުރިން އިރުޝާދުދިން ސްޕެއިންގެ ކޯޗު ފާހަގަކުރި ގޮތުގައި، ގިނަ ބަޔަކު އާޖެންޓީނާ މެޗުގެ ފޭވަރިޓުންގެ ގޮތުގައި ބެލި ނަމަވެސް، މިސްރުން ދައްކާނެ ވާދަވެރި ކުޅުމުގެ ސަބަބުން އާޖެންޓީނާއަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެއެވެ.

ސަންހުއާން ބުނި ގޮތުގައި މިސްރު ޓީމުގެ އެންމެ ބޮޑު ސިފައަކީ އެ ޓީމުގައި އޮތް ބަދަހި ރޫހާއި ޓެކްޓިކަލް ގޮތުން ތަފާތު ގޮތްގޮތަށް ކުޅުމުގެ ގާބިލުކަމެވެ. މީގެ އިތުރުން މިސްރުގެ ސްކޮޑުގައި ހިމެނޭ 26 ކުޅުންތެރިންގެ ތެރެއިން 17 ކުޅުންތެރިންނަކީ އެ ގައުމުގެ ލޯކަލް ލީގަށް ކުޅޭ ކުޅުންތެރިންނަށް ވުމުން، ޓީމުގެ އެއްބައިވަންތަކަން ވަރަށް ވަރުގަދަ ކަމަށް އޭނާ ބުންޏެވެ. ހާއްސަކޮށް އެ ގައުމުގެ އަލް އަހްލީ ކްލަބުން އަށް ކުޅުންތެރިން ޓީމުގައި ހިމެނި، ގަދަ 32 ގެ ބުރުގައި އޮސްޓްރޭލިއާ ބަލިކުރި މެޗުގައި ވެސް އެ ކުޅުންތެރިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

މި މެޗަކީ އާޖެންޓީނާގެ ލިއޮނަލް މެސީ (39 އަހަރު) އާއި މިސްރުގެ މުހައްމަދު ސަލާހް (34 އަހަރު) ގެ ކުރިމަތިލުމަކަށް ވާތީ މުޅި ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ސަންހުއާން ބުނީ މިއީ ސަލާހްގެ ފަހު ވޯލްޑް ކަޕަށް ވުން އެކަށީގެންވާތީ، "އެފްރިކާގެ ރަސްގެފާނު" ގެ ގޮތުގައި ހުރި ސަލާހް، މެސީގެ އާޖެންޓީނާ ބަލިކޮށް އޭނާގެ ކެރިއަރު ފުރިހަމަ ކުރަން ބޭނުންވާނެ ކަމަށެވެ. އަދި ސަލާހަކީ ކޮންމެ ހިނދެއްގައި ވެސް މެޗުގެ ނަތީޖާ އަނބުރާލެވޭނެ ފަދަ ދުނިޔޭގެ ފެންވަރުގެ ތަރިއެއްކަން އޭނާ ހަނދާންކޮށްދިނެވެ.