ހއ. ހޯރަފުށީ ހުޅަނގު ފަރާތު ފަރުމައްޗަށް 30 ފޫޓުގެ ބޮޑުމަހެއް ލައްގައިގެން، އެ ރަށު ކައުންސިލާއި ސަރުކާރުގެ މުއައްސަސާތައް ގުޅިގެން އެ މަސް އެއްގަމަށް ނަގައި އިއްޔެ ރައްކާތެރިކަމާއެކު ވަޅުލައިފިއެވެ.
މަރުވެފައި އޮއްވާ ފެނުނު މި ބޮޑުމަސް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ ކަމާބެހޭ ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއެކުގައެވެ.
އެ ރަށު ކައުންސިލުން ބުނީ މި ބޮޑުމަސް ފެނުމާ ގުޅިގެން ރަށުގެ ސަލާމަތީ ބާރުތަކާއި އާންމު ހިދުމަތްދޭ ކުންފުނިތަކާ ގުޅިގެން ހާއްސަ ހަރަކާތެއް ވަނީ ހިންގާފައެވެ. ފަރުމަތީގައި އޮތް ބޮޑުމަސް ގޮނޑުދޮށަށް ބޭލުމަށްފަހު، ރަށުގެ މީހުން އުޅޭ ސަރަހައްދާ ދުރުގައި ވަނީ ވަޅުލާފައެވެ.
މި މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހޯރަފުށީ ކައުންސިލާއި، ހޯރަފުށީ ޕޮލިސް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ އިތުރުން އެމްޓީސީސީ ހޯރަފުށީ ސައިޓްގެ މުވައްޒަފުން ގުޅިގެންނެވެ. މަސް އެއްގަމަށް ނެގުމުގައި އެމްޓީސީސީގެ ބަރު އުޅަނދުތައް ބޭނުންކޮށްފައިވެއެވެ.
