ރަށްރަށުގައި ބޭސް ލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، އެކަންކަމަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ހަރުދަނާ ސިޔާސަތެއް ބިނާކުރުމުގެ މަގްސަދުގައި ސްޓޭޓް ފާމަސޫޓިކަލްސް (ސްޓޭޓްފާމާ) އިން ސިލްސިލާ ބައްދަލުވުންތަކެއް އަތޮޅުތަކުގައި ފަށައިފިއެވެ. މި މަސައްކަތުގެ ދަށުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝާހު މާހިރު އާއި ކުންފުނީގެ މެނޭޖްމަންޓުން ވަނީ ބ. އޭދެފުށީ ކައުންސިލާ ބައްދަލުކޮށްފައެވެ.
އޭދެފުށީ ކައުންސިލާއެކު ބޭއްވި މި ބައްދަލުވުމުގައި، ރަށުން ބޭސް ލިބުމުގައި ހުރި ދަތިތަކާއި، ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސްފަރުވާ ކުރާ ފަރާތްތަކަށް ބޭސް ހޯދުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން، ބޭސް ލިބުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.
ސްޓޭޓްފާމާގެ އެމްޑީ ޝާހު މާހިރު ވިދާޅުވީ ރައްޔިތުންނަށް ދިމާވާ ތަކުލީފުތަކަށް ހައްލު ހޯދައިދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ކުންފުނިން ގެންގުޅޭ ހާއްސަ ޕްލޭނާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން، ރައްޔިތުންނަށް ކޮލެޓީ ރަނގަޅު ބޭސް ހަރުދަނާ ގޮތެއްގެ ދަށުން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
