ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަރކާޑު ގުޅިގެން، ގުރުއަތުން ހޮވޭ 10 ނަސީބުވެރިއަކަށް ކޮންމެ ފަރާތަކަށް 10،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. ޖުމްލަ 100،000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށެވެ.

ބީއެމްއެލްއިން ބުނީ، މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބޭންކުގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަރކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެއެވެ.

ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ. އެގޮތުން ހަފުތާއަކު 1،000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު، އަދި މަހެއްގެ ތެރޭގައި 5،000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެއެވެ. ޕްރޮމޯޝަން ނިމުމުން ހޮވޭ ނަސީބުވެރިންގެ ފައިސާ ސީދާ އެ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރެވޭނެއެވެ.