މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކުގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި 27 ބިދޭސީއަކު އަތުލައިގަނެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިގެން ޓާސްކް ފޯސްއިން ހިންގި ރެއިޑެކެވެ.
މި އޮޕަރޭޝަނުގެ ތެރެއިން ފުޑް ކޯޓު ސަރަހައްދުން ޖުމްލަ 88 ބިދޭސީއަކު ހުއްޓުވައި ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި އުޅުމާއި މަސައްކަތް ކުރުމުގެ ގާނޫނާއި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 މީހުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް އޮޕަރޭޝަންތައް ހިންގަމުންނެވެ.
