މިހާތަނަށް އެއްވެސް ފަރުވާ އެއް ހޯދިފައި ނުވާ ފަންގަސްއެއް އެމެރިކާގައި ފެތުރެން ފަށައިފިއެވެ.
އެމެރިކާގެ ސިއްހީ މާހިރުން ބުނެފައިވާ ގޮތުގައި "ކެންޑިޑާ އައުރިސް" އެންމެ ފުރަތަމަ ފެނިފައިވަނީ އޭޝިއާގެ ސަރަހައްދުން 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް އޭރު ފަންގަސް އާއި ބެހޭ މާ ބޮޑު މައުލޫމާތެއް ނޭނގުނު ނަމަވެސް ސައިންސްވެރިން ވަނީ މި ފަންގަސް އާއި ބެހޭ މައުލޫމާތު ހޯދާފައެވެ.
އެގޮތުން ސައިންސްވެރިން ބުނީ، މި ފަންގަސް ފެތުރެމުން އަންނަނީ އެމެރިކާގެ ހޮސްޕިޓަލް ފަދަ ތަންތަނުގައި ކަމަށާއި އެތަނުގައި ތިބޭ ބަލި މީހުންގެ ގައިން ގަޔަށް ފަންގަސް ފެތުރޭ ކަމަށެވެ. ހޮސްޕިޓަލް އެކުއާޑް ފަންގަސް އެއްގެ ގޮތުގައި މި ފަންގަސް ފެތުރޭ ކަމަށް ވަނީ ބުނެފައެވެ.
އޭގެ ތެރެއިން ވެސް އެންމެ ގިނައިން ބަލި ޖެހިފައި ތިބީ އިތުރު ބަލި ތަކަށް ބޭސްފަރުވާ ކުރަމުން އަންނަ މީހުންނަށް ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
މިއީ މި ބަލި އެކި މީހުންގެ ގައިން ގަޔަށް އަރަން ފެށި ފުރަތަމަ ފަހަރުކަމަށް ސީޑީސީ އިން ވިދާޅުވެއެވެ.
އޭނާ ވިދާޅުވީ، "ކެންޑީޑާ އައުރިސް" އަކީ ހޮސްޕިޓަލްތަކުގައި ތިބޭ ބަލި މީހުންނަށް ނުރައްކާވާ ފަދަ ބައްޔެއް ކަމަށާއި އެފަންގަސްގެ ސަބަބުން އިންސާނާގެ ލެއާއި، ސިކުނޑި އަދި ހިތަށް އަސަރުކޮށްފިނަމަ، އެއްވެސް ބޭހަކުން ފަރުވާއެއް ނުދެވޭނެ ކަމަށެވެ.
އެމެރިކާގެ ވޮޝިންޓަނާއި ޓެކްސަސް އިން މި ބަލި ޖެހުނު ފަސް މީހުންގެ ތެރެއިން ތިން މީހަކު ޓެކްސަސް އިން މަރުވެފައިވާއިރު، ވޮޝިންޓަނުން އެކަކު ވަނީ މަރުވެފައެވެ.
