މެކްސިކޯގެ ކުޑަ ރަށެއް ކަމަށްވާ ސަން ޕެޑްރޯ ހުއަމެލުލާގެ މޭޔަރު، އެ ރަށުގެ އާދަކާދައިގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު ކޭމަން (ކިނބޫ އާއިލާގެ ޖަނަވާރެއް) އަކާ ކައިވެނިކުރާ ހާއްސަ ހަފުލާ މިއަހަރުވެސް ބާއްވައިފިއެވެ. މޭޔަރު ޑެނިއަލް ގުޓިރޭޒް، "އަނާ ސިންތިއާ" ގެ ނަމުން ނަންދީފައިވާ މި ކޭމަންއާ ކައިވެނިކުރުމުގެ މައިގަނޑު މަގްސަދަކީ އެ ރަށުގެ ރައްޔިތުންނަށް ދަނޑުވެރިކަމާއި މަސްވެރިކަމުން ގިނަ ފައިދާތަކެއް ލިބި، ރަށަށް ތަނަވަސްކަމާއި ދިރުން ގެނައުމެވެ.
މި އާދަޔާ ހިލާފު ކައިވެނީގެ ހަފުލާއަކީ އެ ސަރަހައްދުގައި ސެންޗުރީތަކެއް ކުރިން ފެށިގެން ބާއްވަމުން އަންނަ ދީނީ އަދި ސަގާފީ ހަރަކާތެކެވެ. ރަށުގެ މީހުން ގަބޫލުކުރާ ގޮތުގައި މި ކޭމަންއަކީ އިންސާނުންނާއި ކާއިނާތުގެ ބާރުތަކާ ގުޅުވައިދޭ "ޕްރިންސެސް" އެކެވެ. އެހެންކަމުން ރަށުގެ އެންމެ އިސްވެރިޔާ ނުވަތަ މޭޔަރު މި ޖަނަވާރާ ކައިވެނިކުރުމުން، ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމުގެ ބާރު ރަށަށް ލިބިގެންދާ ކަމަށް އެމީހުން ގަބޫލުކުރެއެވެ.
މި ހަފުލާ ބޭއްވުމަށްޓަކައި ރަށުގެ ރައްޔިތުން އެއްވެ، ކޭމަންއަށް ހުދު ކައިވެނި ހެދުމެއް ލައްވައި، މުޅި ރަށުގައި މިއުޒިކް ކުޅެ ނަށައި އުފާފާޅުކޮށްފައިވެއެވެ. ނަމަވެސް ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، ކައިވެނީގެ ރަސްމިއްޔާތު ކުރިއަށްދާއިރު އެއްވެސް މީހަކަށް އަނިޔާއެއް ނުވާނެހެން ކޭމަންގެ އަނގަ އޮންނަނީ ރަނގަޅަށް ބަންދުކޮށްފައެވެ.
