ވެނެޒުއޭލާގައި މަރުވި އިންޑިއާގެ ފަޅުވެރިއެއް ކަމަށްވާ ރާކޭޝް ޗައުހާންގެ ހަށިގަނޑުން މުހިންމު ގިނަ ގުނަވަންތަކެއް ނަގައި، ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ. ވެނެޒުއޭލާގެ ކަރަކަސްގައި ހުންނަ އިންޑިއާ އެމްބަސީން ވަނީ މި ހާދިސާ ވަރަށް ފުރިހަމައަށް ތަހުގީގުކޮށްދިނުމަށް އެ ގައުމުގެ ސަރުކާރުގެ އިދާރާތަކުގައި ރަސްމީކޮށް އެދިފައެވެ.

މި މައްސަލަ ހޫނުވީ ރާކޭޝްގެ ހަށިގަނޑު އަނބުރާ އިންޑިއާއަށް ފޮނުވުމުން، އޭނާގެ ހަށިގަނޑުގެ އެތެރޭގެ މުހިންމު ގިނަ ގުނަވަންތަކެއް މަދުކަން އާއިލާއަށް ފާހަގަކުރެވިގެންނެވެ. އާއިލާއާއި އިންޑިއާގެ ފަޅުވެރިންގެ ޔޫނިއަން އިން ވަނީ މިއީ ވަރަށް ބޮޑު ޖިނާއީ ކުށެއް ކަމަށް ތުހުމަތުކޮށް، މިކަމުގެ ފުރިހަމަ އޮޓޮޕްސީ ރިޕޯޓެއް ހާމަކުރުމަށާއި، މި ލާއިންސާނީ އަމަލު ހިންގި ފަރާތްތަކާ މެދު ފިޔަވަޅު އަޅައި އިންސާފު ހޯދައިދިނުމަށް ގޮވާލާފައެވެ.

އިންޑިއާ އެމްބަސީން ބުނި ގޮތުގައި މި ހާދިސާ ސަމާލުކަމަށް އައި ދުވަހުން ފެށިގެން އެމްބަސީން ދަނީ ވެނެޒުއޭލާގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މިކަން ވަރަށް ގާތުން ބަލަމުންނެވެ. އަދި ބޭރު ގައުމެއްގައި މަރުވާ އިންޑިއާގެ ރައްޔިތުންގެ ހަށިގަނޑުގެ ހުރުމަތް ކަނޑާލައި، ގަވާއިދާ ހިލާފަށް ގުނަވަންތައް ނެގި މައްސަލައިގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އެމްބަސީން ވަނީ ދީފައެވެ.