ބަންގްލަދޭޝްގެ ކޮކްސް ބާޒާރުގައި ހުންނަ ރޮހިންޖާ ރެފިއުޖީ ކޭމްޕުތަކަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ނުވަ މީހަކު މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި އަށް ރޮހިންޖާ ރެފިއުޖީން ހިމެނޭ ކަމަށް އެ ގައުމުގެ ލޯކަލް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ނުރައްކާތެރި ހާދިސާ ހިނގާފައިވަނީ ބަންގްލަދޭޝްގައި ހުންނަ ރެފިއުޖީންގެ ތިން ކޭމްޕެއްގައެވެ. ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކޭމްޕުތަކުގެ އެކި ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ގިނަ ބަޔަކަށް އެކި ވަރުގެ އަނިޔާތައް ވެސް ވަނީ ލިބިފައެވެ.

ކޮކްސް ބާޒާރަކީ ދުނިޔޭގައި ވެސް އެންމެ ގިނަ އަދަދަކަށް ރެފިއުޖީން ތޮއްޖެހިގެން ދިރިއުޅޭ އެއް ސަރަހައްދަށް ވާއިރު، ވިއްސާރަ މޫސުމުގައި މިފަދަ ހާދިސާތައް ހިނގުން ވަނީ އިތުރުވެފައެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ކުއްލި މަސައްކަތްތަކެއް ކުރަމުންނެވެ.