އެޓްލާންޓިކް ކޯސްޓުގެ މުއާންޑާގެ ގޮނޑުދޮށަށް ލައްގާފައި އޮތް، ގާތްގަނޑަކަށް 12 ޓަނުގެ ބޮޑުމަހެއް އެ ސަރަހައްދުން ނަގައިފިއެވެ. މަރުވެފައިވާ މި ބޮޑުމަސް ގޮނޑުދޮށަށް ލެއްގުމާ ގުޅިގެން، އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ އެ މަންޒަރު ބެލުމަށާއި ފޮޓޯ ނެގުމަށް އެ ސަރަހައްދަށް އެއްވެފައެވެ.
މި ބޮޑުމަސް އެތަނުން ނެގުމުގެ މަސައްކަތް އޮފިޝަލުން ކުރިއަށް ގެންގޮސްފައިވަނީ 42 ޓަނުގެ ބޮޑު ކްރޭނެއް ބޭނުންކޮށްގެންނެވެ. އޭގެ ކުރިން ޓްރެކްޓަރާއި އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ދެ ދުވަސް ވަންދެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މިފަދަ ބޮޑެތި މަސްމަހާމެހި މަރުވެގެން ގޮނޑުދޮށަށް ލެއްގުމަކީ ތިމާވެށީގެ ގޮތުންނާއި ސިއްހީ ގޮތުން ކަންބޮޑުވުންތަކެއް އުފެދޭ ކަމެކެވެ. އޮފިޝަލުން މިހާރު ދަނީ މި ބޮޑުމަސް އެ ސަރަހައްދުން ނައްތާލުމުގެ ރައްކާތެރި ގޮތްތަކެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
