މި އަހަރު ދުނިޔެއަށް އައި އެންމެ ބާރުގަދަ ސުޕަރ ޓައިފޫންތަކުގެ ތެރޭގައި ހިމެނޭ "ސުޕަރ ޓައިފޫން ބާވީ" އެމެރިކާގެ ޕެސިފިކް ރަށެއް ކަމަށްވާ ގުއާމް އަށާއި އެ ސަރަހައްދުގެ އެހެން ރަށްތަކަށް ހޯމަ ދުވަހުގެ ހެނދުނު އަރައިފިއެވެ. މި ތޫފާނުގެ ސަބަބުން އެ ސަރަހައްދުގެ މޫސުން ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ.
މިއީ މިއަހަރުގެ އެޕްރީލް މަހުގެ ފަހުން މި ސަރަހައްދަށް އެރި ދެވަނަ ބޮޑު ތޫފާނެވެ. ތޫފާނާ ގުޅިގެން އެ ސަރަހައްދުގައި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވެ، މުވާސަލާތީ ޚިދުމަތްތަކަށާއި އާންމު ދިރިއުޅުމަށް ބޮޑެތި ބުރޫތަކެއް ވަނީ އަރާފައެވެ.
ކަމާބެހޭ އިދާރާތަކުން ދަނީ މި ތޫފާނުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް އަޅަމުންނެވެ. އަދި އާންމު ރައްޔިތުން ގޭގޭގައި ތިބުމަށާއި، ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނިކުމެ ނޫޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
