ދިވެހިންގެ ތެރޭގައި ކްލަބްހައުސްގެ މަގްބޫލުކަން ދުވަހުން އިތުރުވަމުން އަންނަ ދަނޑިވަޅެއްގައި ގިނަ ބަޔަކަށް މިއީ ވަރަށް ބޭނުންތެރި ޕްލެޓްފޯމަކަށް ވަނީ ވެފައެވެ. އެއީ ވަރަށް ގިނަ މައުލޫމާތު ހިއްސާކޮށް ބިނާކުރަނިވި ޚިޔާލުތަކެއް ބަދަލު ކުރެވޭ މާހައުލެކެވެ. ނަމަވެސް ކްލަބްހައުސްގެ މިސްރާބު ދިވެހިންގެ މެދުގައި، ނުބަސް މިސްރާބަކަށް ހިނގައިދާނެ ކަމުގެ ކޮޅުމަތި އަންނަންނީ ފެންނަމުންނެވެ.

ލައިވް ޝޯތައް ގެނެސްދޭ ކްލަބްހައުސްގެ އެކި ފޯރަމްތަކުގައި ދިވެހިންގެ ތެރެއިން ބައެއް މީހުންގެ އަޚްލާޤީ ގޮތުން ވަރަށް ދަށްފެންވަރުގެ ކަންކަން ކުރަމުން އަންނަކަން ފަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ޝޯތައް މޮޑަރޭޓްކުރަން ތިބޭ ފަރާތްތަކަށް، ޚާއްސަކޮށް އަންހެންކުދިންނަށް ނިސްބަތްކޮށް ޒާތީ ސުވާލުތަކާއި، އިޖުތިމާޢީ މިންގަނޑުން މުޅިން ބޭރުން ކަންކަން އަންނަނީ ހިނގަމުންނެވެ.

އެގޮތުން މިހުރިހާ ކަމެއް އިތުރު ހަރުފަތަކަށް ގެންދިޔައީ، ވަރަށް ގިނަ އަންހެނުންނަށް ފުރައްސާރަކުރަމުން އަންނަ ދިވެހި ޒުވާނެކެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހުނާއި ކައިވެނިކޮށްގެން އުޅުން އެތައް ބަޔަކަށް، ވަރަށް ބޮޑެތި ނަފްސާނީ އަދި ޖިސްމާނީ ގެއްލުން ދީފައިވާ އަދި ދެމުންގެންދާ ޒުވާނެކެވެ. މި ޒުވާނާ އެންމެ ފަހުން ކައިވެނިކޮށްގެން އުޅުނު އަންހެންމީހާ އަށް އެކި ގޮތުން ގޮތުން ފުރައްސާރަކުރަމުންދާތީ އޭނާގެ ފޯނު ބްލޮކް ކުރުމުން މި ޒުވާނާ ވަނީ ގޮތް ހުސްވެފައެވެ. އަދި އޭނާ ވަރިކުރި އަންހެންމީހާ ކްލަބްހައުސްގެ ފޯރަމެއް އަޑުއަހަން އިންދާ އެ ރޫމަށްވަދެ، ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުމުން، ވާހަކަ ދައްކަން ތިބި މީހުންގެ ވާހަކަ މެދުކަނޑާލުމަށް ފަހު، އަންހެންމީހާގެ ނަން ގޮވުމަށްފަހު އޭނާގެ ފޯނު އަންބްލޮކް ކުރުމަށް ވަނީ ގޮވާލާފައެވެ.

މި ޒުވާނާގެ މައްސަލަ މިހާރުވެސް އަންނަނީ ކަމާބެހޭ އިދާރާތަކަށް ހުށައަޅައިގެން މިކަމަށް ހައްލެއް ލިބޭތޯ ބަލަމުންނެވެ. ނަމަވެސް އާންމު ފޯރަމަކަށް ވަދެ މިހެން ކަންކުރުމުން އަންހެން މީހާއަށް ވަނީ ނަފްސާނީ ގޮތުން އިތުރަށް އަސަރުކޮށްފައެވެ.