އިންޑިއާގެ ހަރިޔާނާ ސްޓޭޓްގެ މަހެންދުރަގަރް ސަރަހައްދަށް ނިސްބަތްވާ ސަންތުލާލް ނަމަކަށް ކިޔާ މީހެއްގެ ހަށިގަނޑުގެ ހޫނުމިން ބަދަލުވާގޮތް ގުދުރަތީ މޫސުމާ މުޅިން އިދިކޮޅުކަން އެނގޭތަ؟ މިއީ މުޅި އިންޑިއާގެ ސޯޝަލް މީޑިއާގައި މިހާރު ވަރަށް ބޮޑު ސަމާލުކަމެއް ހޯދަމުންދާ، ސައިންސްވެރިންނާއި އާންމުން ހައިރާންކޮށްލި ހާދިސާއެކެވެ. އާންމު އިންސާނުންނާ ޚިލާފަށް، އޭނާގެ ހަށިގަނޑުގެ އެތެރޭގެ ނިޒާމު (ތާމޯސްޓެޓް) މަސައްކަތް ކުރަނީ ބޭރުގެ މޫސުމާ މުޅިން ދިމާ އިދިކޮޅަށެވެ. އެގޮތުން މާހައުލު ހޫނުވެފައި އޮންނަ ދުވަސްވަރު އޭނާއަށް އިހުސާސް ކުރެވެނީ ގަދަ ފިންޏެވެ. އަދި ފިނި މޫސުމުގައި އޭނާއަށް ބޮޑަށް އިހުސާސް ކުރެވެނީ ގަދަ ހޫނެވެ.
މި އާދަޔާޚިލާފު ދިރިއުޅުމުގެ ސަބަބުން ކައިރީގައި އުޅޭ މީހުންނަށް ވެސް ވަނީ ބޮޑު ހައިރާންކަމެއް ލިބިފައެވެ. ހޫނު މޫސުމުގެ އެންމެ ގަދަޔަށް ހޫނުވާ ދުވަސްވަރު، ބޭރުގެ ފިނިހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާއިރު، ސަންތުލާލް ހުންނަނީ ފިނިވެގެން ތުރުތުރު އަޅައަޅައެވެ. އަދި ހަށިގަނޑު ހޫނުކުރުމަށްޓަކައި ބޯ ތިން ރަޖާ ގައިގައި އޮޅައިގެންނެވެ. މީގެ ދިމާ އިދިކޮޅަށް، ފިނި މޫސުން އައިސް ފިނިހޫނުމިން ގަނޑުވާ ދަރަޖައަށް ތިރިވުމުން، އޭނާއަށް ހޫނުވެގެން ކެތްނުވެގެން ފިނި ފެނުން ފެންވަރައިގެން އުޅެއެވެ.
މިކަމާ ގުޅިގެން ޑޮކްޓަރުން ހެދި ސައިންޓިފިކް ތަހުލީލުތަކުން ލިބުނީ މިއަށްވުރެ ވެސް ބޮޑު ހައިރާންކަމެކެވެ. ސަންތުލާލްގެ ހަށިގަނޑު ފުރިހަމައަށް ޗެކްކޮށް ބެލިއިރު، އޭނާގެ ކިބައިން އެއްވެސް ކަހަލަ ބައްޔެއް، ނާރުގެ މައްސަލައެއް ނުވަތަ ސިއްހީ އެއްވެސް އާދަޔާޚިލާފު އުނިކަމެއް ފެންނާކަށް ނެތެވެ. ސިއްހީ ގޮތުން އޭނާއަކީ މުޅިން ދުޅަހެޔޮ މީހެއްކަން ކަށަވަރުވުމުން، އޭނާގެ ހަށިގަނޑުގެ މި ނިޒާމު މަސައްކަތްކުރާ ގޮތް ދެނެގަންނަން ނޭނގިގެން ޑޮކްޓަރުން ވެސް ވަނީ މުޅިން ހައިރާންވެ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް ވެއްޓިފައެވެ. ބައެއް ޑަކްޓަރުން ބުނާގޮތުގައި މިއީ މުޅިން ނަފްސާނީ ކަމެކެވެ. އަދި އަނެއްބަޔަކު ބުނާ ގޮތުގައި މިކަމުގައި ރޫހާނީ ކޮންމެވެސް ކަމެއްވެސް އުޅެއެވެ.
