ސިއްހީ ދާއިރާގައި ޒަމާނީ ޓެކްނޮލޮޖީގެ ދައުރު ކިތަންމެ ފުޅާވި ނަމަވެސް، އެއްވެސް އެލްގޮރިދަމަކަށް އިންސާނީ އޯގާތެރިކަމުގެ ކުލުނު ގެނެސްނުދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ "ތާޑް އިންޓަނޭޝަނަލް ޖޮއިންޓް ކޮންފަރެންސް ފޯ ހެލްތްކެއާ ޕްރޮފެޝަނަލްސް" ރަސްމީކޮށް އިފްތިތާހްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސިއްހީ ދާއިރާއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ އެކު އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑިޖިޓަލް ޓެކްނޮލޮޖީ އަދި ރޮބޮޓިކްސް ފަދަ ވަސީލަތްތައް ބޭނުންކުރި ނަމަވެސް، ސިއްހީ ހިދުމަތުގެ އަސާސަކީ އޯގާތެރިކަން ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ. ކަންބޮޑުވެފައިވާ މައިންބަފައިންނަށް ތަސައްލީއެއް ހޯދައިދިނުމަކީ އެއްވެސް މެޝިނަކަށް ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ޓެކްނޮލޮޖީ ވާންޖެހޭނީ އިންސާނުންގެ ލާބަޔަށް ބޭނުންކުރާ އެއްޗަކަށް ކަމަށާއި ހަމައެކަނި އޭގެ މައްޗަށް ބަރޯސާވެގެން ނުވާނެ ކަމަށެވެ.
ގައުމެއްގެ ހަގީގީ ބާރުވެރިކަމަކީ އިގްތިސާދުގެ ވަރުގަދަކަން ނުވަތަ ޓެކްނޮލޮޖީގެ ކުރިއެރުމަށް ވުރެ ބޮޑަށް، އެ ގައުމެއްގެ ރައްޔިތުންނަށް އަޅާލާ މިންވަރު ކަމަށްވެސް ސާޖިދާ ވިދާޅުވި އެވެ. ރާއްޖެ ފަދަ ޖަޒީރާ ގައުމުތަކަށް ވިލުންތެރި ސިއްހީ ނިޒާމެއްގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވަމުން އެކަމަނާ ވަނީ، ސިއްހީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް ޒަމާނީ އުމްރާނީ ތަރައްގީއަށާއި އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އިންވެސްޓް ކުރަމުންދާކަން ހާމަކުރައްވާފަ އެވެ.
މީގެ އިތުރުން، ބަލިމީހުންގެ ފަރުވާގެ ހުރިހާ މަރުހަލާއެއްގައި އެންމެ ގާތުން މަސައްކަތްކުރާ ބަޔަކީ ނަރުހުންކަން ފާހަގަކުރައްވައި، ނަރުހުން ކުރާ ބުރަ މަސައްކަތުގެ އަގު ފަސްޓް ލޭޑީ ވަނީ ވަރަށް ބޮޑަށް ވަޒަންކުރައްވާފަ އެވެ. އަދި ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ ނަރުހުން ދައްކުވައިދޭ އޯގާތެރިކަމާއި ހިދުމަތްތެރިކަމަށްޓަކައި އެކަމަނާ ވަނީ ހާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ.
