މިދިޔަ ޖޫން މަހުގެ ތެރޭގައި އެމްޕީއެލްއިން ކަނޑުމަގުން ވައިގެ މަގަށް ބަދަލުކުރާ (ސީ-ޓު-އެއާ) ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތުގައި ވަރުގަދަ ކުރިއެރުމެއް ހޯދައި، 335 ޓަނަށް ވުރެ ގިނަ މުދަލާއި 65 ޓީއީޔޫގެ ކޮންޓެއިނަރަށް ހިދުމަތް ދީފި އެވެ.
ރާއްޖޭގެ ބަނދަރުތައް ބަލަހައްޓާ ދައުލަތުގެ ކުންފުނި، އެމްޕީއެލްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި ހިދުމަތުގެ ސަބަބުން ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ބޭރު ގައުމުތަކަށް އަވަހަށް ފޮނުވުމަށް ބޮޑު އެހީތެރިކަމެއް ލިބެ އެވެ.
އެމްޕީއެލްގެ ރިޕޯޓްތައް ބުނާ ގޮތުން، ޖޫން މަހުގެ އޮޕަރޭޝަންތަކުގައި ގަތަރު އެއާވޭސް، ޓާކިޝް އެއާލައިންސް، ފްލައިދުބާއީ އަދި ފްލައިނާސް ފަދަ ދުނިޔޭގެ ބޮޑެތި އިންޓަނޭޝަނަލް އެއާލައިންތަކުން ވަނީ ބައިވެރިވެފަ އެވެ. ރާއްޖެ މެދުވެރިކޮށް މި މުދާ ފޮނުވާފައިވާ މައިގަނޑު މަންޒިލްތަކުގެ ތެރޭގައި އިޓަލީ، އެމެރިކާ، ޖަރުމަނު، ނެދަލެންޑްސް، ސްވިޑަން، ސްޕެއިން އަދި ފްރާންސް ފަދަ ގައުމުތައް ހިމެނެ އެވެ.
މި ސީ-ޓޫ-އެއާ ކާގޯގެ ހިދުމަތުން ދައްކުވައިދެނީ އިންޑިއާ ކަނޑުގެ ލޮޖިސްޓިކްސް ހަބެއްގެ ގޮތުގައި ރާއްޖެ އޮތް މުހިންމު ސަރަހައްދީ މަގާމެވެ. މިއީ ބައިނަލްއަގްވާމީ ވިޔަފާރީގެ ކަނޑުގެ ރޫޓުތަކާއި ވައިގެ ވިއުގަ ގުޅާލުމަށް އެމްޕީއެލްއިން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.
