ސ. ހިތަދޫ ގެއަކަށް ބަޔަކު ވަދެ ތޫނު ހަތިޔާރު ބޭނުންކޮށްގެން ދިން ކުއްލި ހަމަލާތަކެއްގައި ބަޔަކު ޒަހަމްކޮށްލި ނުރައްކާތެރި މާރާމާރީގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖުލައި 4 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

މި ހަމަލާތަކުގައި އަނިޔާވި މީހުންނަށް ތޫނު ހަތިޔާރުގެ ސަބަބުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މި މާރާމާރީ ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ތިން މީހަކު ފުލުހުން ވަނީ ޖުލައި 5 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފަ އެވެ.

ފުލުހުންގެ އޮފީހުން ބުނި ގޮތުގައި، މި މާރާމާރީގެ މައްސަލަ މިހާރު ތަހުގީގު ކުރަމުންދަނީ "ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުންނެވެ.