ފީފާ ވޯލްޑް ކަޕް 2026 ބާއްވާ ކޯ-ހޯސްޓް ގައުމުތަކުގެ ތެރެއިން އެންމެ ފަހުން މުބާރާތުގައި ބާކީއޮތް އެމެރިކާ، ބެލްޖިއަމް އަތުން ބަލިވެ މުބާރާތުން ކަޓައިފި އެވެ.

ސިއެޓްލް ސްޓޭޑިއަމްގައި ކުޅުނު ގަދަ 16 ގެ މެޗުން ބެލްޖިއަމް އަތުން އެމެރިކާ ބަލިވީ 4-1 ގެ ބޮޑު ނަތީޖާއަކުންނެވެ. މިއާ އެކު، މުބާރާތް ބާއްވާ ތިން ގައުމު ކަމަށްވާ މެކްސިކޯ އާއި ކެނެޑާގެ އިތުރުން އެމެރިކާވެސް މިވަނީ ގަދަ 16 ގެ މަރުހަލާއިން މުބާރާތާ އަލްވަދާޢު ކިޔަންޖެހިފަ އެވެ.

މި މެޗުގައި ބެލްޖިއަމްގެ ޗާލްސް ޑެ ކެޓެލެއާ ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައި އެމެރިކާ ސިއްސުވާލާފަ އެވެ. އެމެރިކާގެ މާލިކް ޓިލްމަން ހިލޭ ޖެހުމަކުން ގޯލެއް ޖަހައި އުންމީދު އާކޮށްދިން ނަމަވެސް، އޭގެ ދެ މިނެޓުވެސް ނުވަނީސް ބެލްޖިއަމްއިން ވަނީ އަލުން ލީޑު ފުޅާކޮށްފަ އެވެ. މެޗުގެ ދެވަނަ ހާފުގައި ހަންސް ވަނަކަން ބެލްޖިއަމްގެ ތިންވަނަ ގޯލު ޖެހިއިރު، މެޗުގެ އިތުރު ވަގުތުގައި ރޮމެލޫ ވަނީ ހަތަރުވަނަ ގޯލު ކާމިޔާބުކޮށް އެމެރިކާގެ ހުރިހާ އުންމީދެއް ފުނޑުފުނޑުކޮށްލާފަ އެވެ.

މި ބޮޑު މޮޅާ އެކު ބެލްޖިއަމް ވަނީ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ. މި މަހުގެ 10 ވަނަ ދުވަހު ލޮސް އެންޖެލިސް ސްޓޭޑިއަމްގައި ކުޅޭ ކުއާޓާ ފައިނަލްގެ ފޯރިގަދަ މެޗުގައި ބެލްޖިއަމް ނުކުންނާނީ، ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް މުބާރާތުން ކައްޓާލި ވަރުގަދަ ސްޕެއިންއާ ދެކޮޅަށެވެ.