ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ސްޕެއިންއާ ދެކޮޅަށް ޕޯޗުގަލްގެ ކުޅުންތެރިން ދެއްކި ހިތްވަރާއި އޯގާތެރި ކުޅުމަށްޓަކައި މުޅި ގައުމު ފަހުރުވެރިވާންޖެހޭ ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
ޑާލަސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ އެންމެ ފަހު މިނެޓުގައި ސްޕެއިންއިން ޖެހި ގޯލާ އެކު 1-0 އިން ބަލިވެ، ޕޯޗުގަލް މިވަނީ މުބާރާތުން ކަޓާފަ އެވެ.
މެޗަށްފަހު ވާހަކަދައްކަމުން ކޯޗު މާޓިނޭޒް ބުނީ، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ގައުމާ ދެކޮޅަށް ޕޯޗުގަލްއިން ވަރަށް ރަނގަޅަށް ދިފާއުކޮށް، ހަމަހަމަ ކުޅުމެއް ދެއްކި ކަމަށެވެ. އަދި ޕޯޗުގަލްގެ ހަމަލާއެއް ގޯލުގެ ހުރަސްދަނޑީގައި ޖެހިފައިވާތީ، މެޗު އިތުރު ވަގުތަށް ގެންދަން އެޓީމު ހައްގު ކަމަށާއި، މި ބައްދަލުވުމުގައި ޕޯޗުގަލްއަށް މަދުވީ ހަމައެކަނި ނަސީބު ކަމަށް އޭނާ ފާހަގަކުރި އެވެ.
މި ނަތީޖާއާ އެކު، ޕޯޗުގަލްގެ ކެޕްޓަން އަދި އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވޯލްޑް ކަޕްގެ ހުވަފެންތަކަށް ވަނީ ނިމުން އައިސްފަ އެވެ. މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން މެޗުގެ ކުރިންވެސް ހާމަކޮށްފައިވާއިރު، ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރުގައި ވޯލްޑް ކަޕްގެ 6 މުބާރާތެއްގައި ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދާފަ އެވެ.
