މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ގަދަ 16 ޓީމުގެ ބުރުގައި މިރޭ ކުޅުނު މެޗުގައި ލިއޮނަލް މެސީގެ އެހީތެރިކަމާއެކު ފަހަތުންއަރައި މިސްރު 3-2 ގެ ނަތީޖާއަކުން ބަލިކޮށް، އާޖެންޓީނާ އެ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 15 ވަނަ މިނެޓުގައި މިސްރުން ލީޑުނެގީ ޔާސިރު އިބްރާހިމް ކާމިޔާބުކުރި ގޯލުންނެވެ. އޭނާ މި ލަނޑުޖެހީ ބޮލުންނެވެ.

އޭގެ ހަ މިނެޓުފަހުން، އާޖެންޓީނާ އަށް އެއްވަރުކޮށްދޭން ރަނުގެ ފުރުސަތެއްލިބި ވަނީ ބޭކާރުވެފަ އެވެ. އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން، ލިއޮނަލް މެސީ ފޮނުވާލި ބޯޅަ މިސްރުގެ ކީޕަރު، މުސްތަފާ ޝޮބީރް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 67 ވަނަ މިނެޓުގައި މުސްތަފާ ޒިކޯ ކާމިޔާބުކޮށްދިން ލަނޑާއެކު މިސްރުން ދެ ލަނޑުގެ ލީޑެއްނެގި އެވެ. އޭނާ މި ލަނޑުޖެހީ މިސްރުގެ ކެޕްޓަން، މުޙައްމަދު ސަލާހު އާއި ހައިސަމް ހަސަން ގުޅިގެން ކައުންޓަ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތަކުންނެވެ.

މިސްރުން މި ލަނޑުޖެހުމުގެ އިރުކޮޅެއްކުރީން، އަމިއްލަ ހާފު ތެރެއިން ހައިސަމް ހަސަން ހޯދި ބޯޅައަކުން ޒިކޯ ގޯލެއް ކާމިޔާބުކުރިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު އެ ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރީން މިސްރުގެ ހާފު ތެރެއިން އާޖެންޓީނާގެ ޑިފެންޑަރު، ލިސަންދްރޯ މާޓިނޭޒަށް ފައުލުކުރިކަމަށް ނިންމައި، ރެފްރީ އެ ލަނޑު ގަބޫލުނުކުރި އެވެ.

މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް، ބަލިވާން ދިޔަ އާޖެންޓީނާ އަށް އުއްމީދެއް ހޯދައިދިނީ ޑިފެންޑަރު، ކްރިސްޓިއަން ރޮމޭރޯ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިން މެސީ ވަނީ އޭގެ ފަސްވަރަކަށް މިނެޓުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މެސީ މި ލަނޑުޖެހީ ފަހު ހާފުގައި ބަދަލަކަށް ކުޅެން ނިކުތް ޑިފެންޑަރު، ގޮންޒާލޯ މޮންޓިއެލް ދިން ބޯޅައަކުންނެވެ. މިއީ ވޯލްޑް ކަޕުގައި މެސީގެ 21 ވަނަ ގޯލެވެ.

މި ނަތީޖާގައި އޮވެ، މެޗު އެއްވަރުވާން ދަނިކޮށް، އިތުރުވަގުތުގެ ގޮތުގައި ރެފްރީ ދެއްކި ހަތް މިނެޓުގެ ތެރެއިން ދެވަނަ މިނެޓުގައި އާޖެންޓީނާ މޮޅުވި ލަނޑުޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ. މި ހާފުގައި ބަދަލަކަށް ކުޅެން އެރި ލަޓާރޯ މާޓިނޭޒް އަރިމަތިން ނަގައިދިން ހުރަހެއްގެ އެހީގައި އެންޒޯ މި ލަނޑުޖެހީ ބޮލުންނެވެ.

މި މެޗުގައި ޖެހި ގޯލާއެކު މެސީ ވަނީ މުބާރާތުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑުޖެހުމުގެ ރެކޯޑް އަނެއްކާވެސް މުގުރާލައިފަ އެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުން ކުޅުނު މެޗުގައި ޖެހި ލަނޑާއެކު މެސީ މި ރެކޯޑް ހެދީ ވިދިވިދިގެން 8 މެޗުގައި ލަނޑުޖަހައިގެންނެވެ. މި މެޗުގައި ލަނޑުޖަހައި، މެސީ ވަނީ ނުވަ މެޗަށް ދަމަހައްޓައިފަ އެވެ.

މީގެއިތުރުން، މި ގޯލާއެކު މުބާރާތުގައި މިހާތަނަށް 8 ލަނޑުޖަހައި، ރަން ބޫޓު ރޭހުގެ އެންމެ ކުރީގަ އުޅެނީ ވެސް މެސީ އެވެ. މި ލިސްޓުގެ ދެވަނައިގައި އުޅެނީ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ ފޯވާޑް، އާލިން ހާލަންޑެވެ. މި ދެ ކުޅުންތެރިންވެސް މިހާތަނަށް ވަނީ ހަތް ލަނޑުޖަހައިފަ އެވެ.

މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ ދެން ކުޅޭ މެޗުގައި ނިކުންނާނީ ސްވިޒަލެންޑާ ކޮލަމްބިއާ ކުރެ މޮޅުވާ ޓީމަކާ ދެކޮޅަށެވެ.