ޔޫއޭއީގެ ޝާޖާއިން ފުރައިގެން ޕާކިސްތާނުގެ ކަރާޗީއަށް ދަތުރުކުރި ކޭޓޫ އެއާވޭސްގެ ކާގޯ ބޯޓެއް އަރަބި ކަނޑުގެ މައްޗަށް ގެއްލިގެން، އެ ބޯޓު ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ފަށައިފި އެވެ. ފަސް ފަޅުވެރިންނާ އެކު ދަތުރުކުރި ބޯއިންގް 737-400 މަރުކާގެ މި ބޯޓުގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ ކަރާޗީގެ ހުޅަނގުން ގާތްގަނޑަކަށް 155 ނޯޓިކަލް މޭލު ބޭރުންނެވެ.
މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި، ރާޑަރުން ބޯޓުގެ ސިގްނަލް ކެނޑުމުގެ ކުރިން ބޯޓުގެ ނެވިގޭޝަން ސިސްޓަމަށް މައްސަލަތަކެއް ދިމާވެގެން އުޅޭކަމުގެ ރިޕޯޓު ޕައިލެޓުން ވަނީ ކޮށްފަ އެވެ. އޭގެ ފަހުން ބޯޓު ކުއްލިއަކަށް އަނބުރާލައި، މިނެޓަކު 22،000 ފޫޓަށް ވުރެ ބާރު ދުވެއްޔެއްގައި ތިރިއަށް ދަނިކޮށް ރާޑަރުން ވަނީ ރެކޯޑު ކުރެވިފަ އެވެ.
ބޯޓު ގެއްލުމާ އެކު ޕާކިސްތާނުގެ ވައިގެ އަދި ކަނޑުގެ ސިފައިން ގުޅިގެން ދަނީ އެ ސަރަހައްދުގައި ހާއްސަ އޮަޕަރޭޝަނެއް ހިންގަމުންނެވެ. ނަމަވެސް، މިހާތަނަށް ބޯޓުގެ އެއްވެސް ބައެއް ނުވަތަ ފަޅުވެރިއެއްގެ ނިޝާނެއް ވެސް ފެނިފައެއް ނުވެ އެވެ.
