ރާއްޖޭގެ އެކައުންޓިން ދާއިރާ ހަރުދަނާކޮށް، މާލީ ދާއިރާ ކުރިއެރުވުމަށްޓަކައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގެ ދަށުން އެކައުންޓިން ދާއިރާގެ ފަންނީ ތަރައްގީއަށާއި، މާލީ ދާއިރާގެ ދެފުށް ފެންނަ މިންވަރު އިތުރުކުރުމަށް ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރާނެ އެވެ.
މި ޕާޓްނަޝިޕްގެ ދަށުން އެލައިޑުން ސީއޭ މޯލްޑިވްސްގެ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން، އެ ކުންފުނީގައި ތިބި ޝަރުތުހަމަވާ މުވައްޒަފުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް ވުމަށް ހިތްވަރުދޭނެ އެވެ. މީގެ އިތުރުން، ދިވެހި މާކެޓާ ގުޅޭ ދިރާސާތައް ކުރުމާއި، ދާއިރާގެ މީހުން ބިނާކުރުމުގެ ހާއްސަ ހަރަކާތްތައް ދެ ފަރާތް ގުޅިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި އެއްބަސްވުމުގެ ސަބަބުން ސީއޭ މޯލްޑިވްސްގެ މެންބަރުންނަށް އެލައިޑުން ހާއްސަ އިނާޔަތްތަކެއް ލިބިގެންދާނެ އެވެ. އޭގެ ތެރޭގައި، ލައިސަންސް ހޯދުމަށް ބޭނުންވާ "ޕްރޮފެޝަނަލް އިންޑެމްނިޓީ ތަކާފުލް" ހެޔޮ އަގުތަކެއްގައި ލިބުމާއި، ލިޔެކިޔުންތައް ހުށަހެޅުން ފަސޭހަވުން ހިމެނެ އެވެ. ހަމައެހެންމެ، ސީއޭ މޯލްޑިވްސްގެ މެންބަރުންނަށާއި ދާއިމީ މުވައްޒަފުންނަށް "ގްރޫޕް ހެލްތު ތަކާފުލް" އަދި "ގްރޫޕް ޓާމް ލައިފް ތަކާފުލް" ވެސް ހާއްސަ ލުއި ގޮތްތަކެއްގެ ދަށުން އެލައިޑުން ފޯރުކޮށްދޭނެ އެވެ.
ފޮޓޯ: ވަގުތު އިމޭޖެސް
