އިންސާނާގެ ލޮލަކީ ނާޒުކު ގުނަވަނެކެވެ. ނަމަވެސް އެއީ އެ ގުނަވަނަކާއި ނުލާ އިންސާނާއަށް މި ދުނިޔޭގައި އުޅެން ދަތި ގުނަވަނެކެވެ. ވީ އިރު ލޮލަށް ރައްކާތެރިވެ، ލޮލަށް ލިބިދާނޭ ގެއްލުން ތަކުން ސަލާމަތްވެ ތިބުން ވަރަށް ވެސް މުހިންމެވެ. މި ލިޔުމުގައި މި ހިމަނާލަނީ އެފަދައިން ލޮލަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ވަރަށް އާދައިގެ ބައެއް ކަންތައްތަކަށެވެ.
އެގޮތުން ރަނގަޅު ކާނާ ކެއުމަކީ އޭގެ ފައިދާ ލޮލަށް ކުރާނޭ ކަމެކެވެ. ވޭމާ އާއި ތަރުކާރީގެ ބާވަތްތަކުން ލޮލުގެ ދުޅަހެޔޮކަމަށް ބޭނުންވާ ގިނަ މިނަރަލްތައް ލިއްބައިދެއެވެ. އަދި މަސްމަހާމެހީގެ މެއަކީވެސް ލޮލަށް ބޭނުންވާ ގިނަ އަދަދެއްގެ ވިޓަމިންސް އެކުލެވޭ ބާވަތެކެވެ. މީގެއިތުރުން، ފެހިކުލަ ގަދަ ފަތް ކެއުމާއި އެކު އޮމެގާ-3 އަކީވެސް ލޮލަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ.
އިންސާނާގެ ލޮލަށް އެންމެ ބޮޑު އެއް ގެއްލުމެއް ނުސީދާކޮށް ދޭ އެއް ބައްޔަކީ ހަކުރުބައްޔެވެ. އެހެންކަމުން ހަކުރުބަލި ޖެހުމުގެ ފުރުސަތުވީހާވެސް ކުޑަކުރަން އެބަޖެހެއެވެ. އެކަމަށް އޮތް އެންމެ ފަސޭހަ މަގަކީ އިންސާނާގެ ބަރުދަން ލުއިކުރުމެވެ. ނުވަތަ ބަރުވިޔަނުދީ އެއްމިންގަނޑެއްގައި ހިފެހެއްޓުމެވެ. ބަރުދަން އިތުރުވެ، ހަކުރުބަލި ޖެހިއްޖެނަމަ، އޭގެ ސަބަބުން ލޮލުގެ ނާރުތަކަށް ގެއްލުން ލިބުމާއި ލޮލުގެ އެތެރޭގެ ޕުރެސަރު އިތުރުކޮށްދެއެވެ. ނަތީކާއަކަށް ވެގެންދަނީ ލޮލުގެ ފެނުމަށް އަސަރު ކުރުމެވެ.
ދިވެހިރާއްޖެފަދަ ޖަޒީރާ ރަށްތަކުގެ މޫސުމަށް ބަލާއިރު، ރާއްޖެއަކީ އަވިގަދަ ގައުމެކެވެ. އިރުގެ ދޯދިތަކުން ދުނިޔެއަށް ފޯރުވަމުންދާ އަލްޓްރާ ވައިލެޓުގެ ދޯދިތަކަކީ އިންސާނުންގެ ހަށިގަނޑަށް ނުސީދާ ގެއްލުންދޭ ދޯދި ތަކެކެވެ. ވީއިރު ނާޒުކު ލޮލަށް އޭގެ ގެއްލުން ލިބުމުގެ ފުރުސަތު ވަރަށްވެސް ބޮޑެވެ. ހަމައެއާއިއެކު ރާއްޖެފަދަ ގައުމުތަކުގެ މަގުތަކުގައި ހިރަފުސް ގިނަ އަދަދަކަށް ހުރެއެވެ. މިއީ ވެސް ލޮލަށް ނުސީދާކޮށް ގެއްލުން ދޭ އެއްޗެކެޗެ. ވީއިރު މިދަފަ ނުސީދާ ގެއްލުންތަކުން ލޯ ރައްކާތެރިކުރުމަށް އަވިއައިނު އެޅުން ވަރަށްވެސް މުހިންމެވެ. ދުރުމުސްތަގުބަލަކަށް ބަލާނަމަ، މިކަމުގެ ފައިދާ ބޮޑުކޮށް ފެންނާނެއެވެ. މީގެ އިތުރުން މޫދުގެ ލޮނުގަނޑުގެ ތެރޭގައި ފީނާއިރު ލޮނުން، ލޯ ރައްކާތެރިކުރުމަށް މާސްކުއެޅުމަކީވެސް ލޮލުގެ ދުޅަހެޔޮކަން އިތުރުކޮށްދޭނޭ ކަމެކެވެ.
ދުމާއި އެކި ކަހަލަ ކެމިކަލްތަކުން އަރާ އާތްވަކީވެސް ލޮލުގެ ނާޒުކު ދުލިފަށަށް ގެއްލުން ދޭނޭ އެއްޗެއްސެވެ. އެހެންކަމުން ދުމާއި އެފަދަ ކެމިކަލްތަކުގެ އާވިން ދުރުވެ ހުރުމަކީ ލޮލުގެ ދުލިފަށަށް ލިބޭ އެކި އެކި އަނިޔާތަކުން ދުރުކޮށްދޭނެ ކަމެކެވެ.
ޒަމާނާއެކު ތައާރަފުވެފައިވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ކަމަށްވާ ފޯނާއި ކޮމްޕިއުޓަރާއި އަދި އެނޫންވެސް ޑިޖިޓަލް ސްކްރީންތަކަކީ އޭގެ ސަބަބުން ލޮލަށް ގެއްލުން ދޭނޭ ސްކްރީން ތަކެކެވެ. ވީއިރު އެފަދަ ސްކްރީންތަކުގެ ކައިރީގައި މާ ގިނަ ވަގުތު ހޭދަނުކުރުމާއި މާ ކައިރިން އެފަދަ ސްކްރީންތަކަށް ނުބެލުމާއި، މިފަދަ އާދައިގެ ކުދި ކުދި ކަންތައްތަކަކީ އިންސާނާގެ ލޯ ސަލާމަތުން ދުޅަހެޔޮކަމާއި އެކު ބެހެއްޓުމަށް ލިއްބައިދޭ ވަރަށްބޮޑު ބާރެކެވެ.
ކައިރިން ބަލާ އެއްތާކަށް މާގިނައިރު ބެލުމަކީ ވެސް ލޮލުގެ ނާރުތަކަށް ބާރު ކުރާނޭ ކަމެކެވެ. އެހެންކަމުން ބަލާ އެއްތާކަށް މާގިނައިރު ނުބަލާ، ދޭތެރެ ދޭތެރެއިން ތިމާ އާއި 20 ފޫޓު ނުވަތަ އެއަށްވުރެ ދުރު ހިސާބަކަށް ލޮލުނެ ނަޒަރު ގެންގޮސްލަން ވާނެއެވެ. އަދި އެ ތަނަކަށް ފޯކަސްވަންދެން އިރުކޮޅަކު އެތަނަކަށް ބަލައިލަން ވާނެއެވެ. މިގޮތަށް ހެދުމުން ލޮލުގެ ނާރުތަކަށް ކުރާ ބާރު ކުޑަވެގެން ދާނެއެވެ.
އިސްވެމިދެންނެވި ކަންތައްތަކަކީ އެއްވެސް ހަރަދަކާއި ނުލާ، އިންސާނާގެ އާންމު ދިރިއުޅުމުގައި ކުރެވޭނެ އާދައިގެ ބައެއް ކަންތައްތަކެވެ. ވީއިރު ދުޅަހެޔޮ ލޮލެއް އެދޭނަމަ ދިރިއުޅުމުގައި މި ދެންނެވި އާދަތައް ހިފަހައްޓާށެވެ.
