ދިރާގުން ކުރިއަށް ގެންދިޔަ "އެންރޯލް އެންޑް ވިން 2 ސްޕީޑްބޯޓް" ޕްރޮމޯޝަނުގެ ދެވަނަ އަދި ފަހު ސްޕީޑްބޯޓުގެ ނަސީބުވެރިޔާ މިއަދު ހޮވައިފިއެވެ.

އާޓިފިޝަލް ބީޗުގައި ތަފާތު ހަރަކާތްތަކާއެކު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ހޮވުނު މިފަހަރުގެ ނަސީބުވެރިޔާއަކީ ބޭންކް އޮފް މޯލްޑިވްސްގެ އިސް މުވައްޒަފެއް ކަމަށްވާ މާލޭ، މުހައްމަދު ޔޫސުފެވެ.

މި ރަސްމިއްޔާތުގައި ދިރާގުގެ އިސްވެރިން ވަނީ މުހައްމަދާ ބައްދަލުކޮށް މަރުހަބާ ކިޔާފައެވެ. ދިރާގުން އޭނާއަށް ދޭން ހަމަޖައްސާފައި ވަނީ 250 ހޯސްޕަވަރުގެ ޔަމަހާ އައުޓްބޯޑް އިންޖީނެއް އަޅާފައިވާ، އަލް ޝާލީ މެރިން ކެނެރީ 28 މޮޑެލްގެ ސްޕޯޓްސް ސްޕީޑްބޯޓެކެވެ. ދިރާގުން ބުނި ގޮތުގައި މިއީ މަހަށް ދިއުމަށާއި، އެކި އެކްސްކާޝަންތަކާއި ކުރު ދަތުރުތަކަށް އެންމެ އެކަށޭނެ އުޅަނދެކެވެ.

މިދިޔަ އަހަރު ފެށި މި ޕްރޮމޯޝަނުގެ ފުރަތަމަ ސްޕީޑްބޯޓުގެ ނަސީބުވެރިޔާ ހޮވާފައި ވަނީ މިދިޔަ ޖެނުއަރީ މަހުއެވެ. މި ޕްރޮމޯޝަނަކީ ދިރާގުގެ މޮބައިލް ޕޯސްޓްޕެއިޑްގެ 450 އިން މަތީގެ ޕެކޭޖުތަކާއި، ފިކްސްޑް ބްރޯޑްބޭންޑް 40 އެމްއިން މަތީގެ ޕެކޭޖުތަކުގެ އިތުރުން މޮބައިލް ބްރޯޑްބޭންޑް އަދި 5ޖީ ޓާބޯގެ 540 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ކަސްޓަމަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ބޮޑު ޕްރޮމޯޝަނެކެވެ.