އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް 22 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓަށް ބަލާއިރު މި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 22.4 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 20.3 ބިލިއަން ރުފިޔާއާ އަޅާބަލާއިރު، މިއަހަރު ލިބުނު އާމްދަނީ ވަނީ 2.1 ބިލިއަން ރުފިޔާ ނުވަތަ 10.4 ޕަސަންޓު އިތުރުވެފައެވެ.

ދައުލަތަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާއެވެ. އެގޮތުން ޓެކްސް އާމްދަނީ ވަނީ މިދިޔަ އަހަރުގެ 15.3 ބިލިއަން ރުފިޔާއިން 17.3 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިއީ 13.0 ޕަސަންޓުގެ ކުރިއެރުމެކެވެ.

އާމްދަނީ އިތުރުވި ނަމަވެސް، ލޯނުތައް ދެއްކުމަށް ކުރި ހޭދަ ހިމެނޭ ގޮތަށް ދައުލަތުގެ ޖުމްލަ ހަރަދު މި އަހަރުގެ މި މުއްދަތުގައި ހުރީ 33.5 ބިލިއަން ރުފިޔާގައެވެ. މި އަދަދު މިދިޔަ އަހަރު ހުރީ 25 ބިލިއަން ރުފިޔާގައެވެ. ހަރަދުތައް ބޮޑުވި ސަބަބުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރައަށް ކުރި ހަރަދާއި ސަބްސިޑީ ހޭދަ އިތުރުވުން ހިމެނެއެވެ. ސަބްސިޑީއަށް އެކަނިވެސް މި އަހަރު 2.8 ބިލިއަން ރުފިޔާ ހޭދަކުރިއިރު، ފިނޭންސް މިނިސްޓްރީން ބުނީ މިއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުނު ނަމަވެސް އަސާސީ ހިދުމަތްތަކުގެ އަގު ހިފެހެއްޓުމަށް ކުރި ހޭދައެއް ކަމަށެވެ.