އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އާޔަތު ﷲ އަލީ ޚާމަނާއީގެ ޖަނާޒާގެ ތެރެއިން، ބޭރު ގައުމުތަކުގެ ވަފުދުތަކަށް ޚާއްޞަ ޤުރުއާނުގެ އާޔަތްތަކެއް އިއްވައިފިއެވެ. ތެހެރާންގައި ބޭއްވުނު މި ޖަނާޒާގައި ބައިވެރިވި ކޮންމެ ބޭރުގެ ވަފުދެއް، ޚާމަނާއީގެ ސަންދޯއް ކުރިމަތީގައި އިހުތިރާމް އަދާކުރަން ހުއްޓި ހުންނަ ވަގުތު، އެ ގައުމަކަށް އަމާޒުކޮށް ވަކި ޚާއްޞަ އާޔަތެއް ވަނީ ކިޔަވާފައެވެ.
މިގޮތުން ސައުދީ އަރަބިއްޔާގެ ވަފުދު ސަންދޯއް ކުރިމައްޗަށް އައުމުން ކިޔަވާފައިވަނީ ބަދުރު ހަނގުރާމަ ހަނދާންކޮށްދޭ ސޫރަތުލް އާލް އިމްރާންގެ 13 ވަނަ އާޔަތެވެ. އެ އާޔަތުގެ މާނައިގައި ބަޔާންކޮށްފައިވަނީ ހަނގުރާމައިގެ މައިދާނުގައި ބައްދަލުކުރި ދެ ލަޝްކަރުގެ ވާހަކައާއި، މާތް ﷲ އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް ނަސްރު ދެއްވާނެ ކަމުގެ ވާހަކައެވެ.
މިގޮތަށް ވަކިވަކި ގައުމުތަކުގެ ސިޔާސީ އަދި ތާރީޚީ ހާލަތްތަކަށް ރިއާޔަތްކޮށް ޖަނާޒާގެ ތެރެއިން އާޔަތްތައް ކިޔެވުމަކީ ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ހުއްޓުނު ކަމެކެވެ. އަދި މިއީ ސިޔާސީ ގޮތުންނާއި ދީނީ ގޮތުން އެކި ގައުމުތަކަށް އީރާނުން ދޭން ބޭނުންވި މެސެޖުތަކެއް ކަމަށް މާހިރުން ދަނީ ބުނަމުންނެވެ.
