އިސްރާއީލުގެ ޖަލެއްގައި ފަލަސްތީން މީހަކަށް އަނިޔާކޮށް މަރާލި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އަބްދުއްޔޫސުފް އަލްޚާތިބް އަލްތަމީމީ ނަމަކަށް ކިޔާ އުނުރުން 43 ގެ މި މީހާ މަރުވެފައިވަނީ ވެސްޓް ޖެރުސަލަމްގައި ހުންނަ މޮސްކަބިޔާ ޖަލުގައި މި މަހުގެ 23 ވަނަ ދުވަހުއެވެ. އީސްޓް ޖެރުސަލަމްގައި ހުންނަ ޝައުފަތު ރެފިއުޖީ ކޭމްޕްގައި ދިރިއުޅެމުންދިޔަ، ހަތަރު ކުދިންގެ ބައްޕަ، ތަމީމީ ހައްޔަރުކުރީ ޓްރެފިކް މައްސަލައެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އޭނާއަށް ޖަލުގައި އަނިޔާ ކުރަމުންދާ ކަމަށް ބުނެ އެހެން ގައިދީންގެ ފަރާތުން ހަބަރު ލިބުނު ކަމަށާއި، ޖަލަށް ގެންދިޔައިރު އޭނާއަކީ ސިއްހަތު ރަނގަޅަށް ހުރި މީހެއް ކަމަށް އޭނާގެ އަންހެނުން، ރަނާއާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލް ޖަލު އޮފިސަރުން ބުނީ އޭނާ މަރުވެފައި އޮއްވާ ފެނުނު ކަމަށެވެ. އަދި އެކަން އިތުރަށް ތަހުގީގުކުރާ ކަމަށް ވެސް ވަނީ ބުނެފައެވެ.
ތަމީމީގެ ހަށިގަނޑު މިހާރު ވަނީ އޮޓޮޕްސީ ހެދުމަށް އަބުލް ކަބީރް ފޮރެންސިކް އިންސްޓިޓިއުޓަށް ގެންގޮސްފައެވެ. ފަލަސްތީނުގައި ހުންނަ އ.ދ ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޮޓޮޕްސީ ރިޕޯޓު އާއްމު ކުރުމަށް ވެސް އެ އޮފީހުންވަނީ ގޮވާލާފައެވެ.
