ކެންސަރު ބަލީގެ ފަރުވާއަށް އާދަޔާޚިލާފު އުންމީދެއް ގެނެސްދޭ ބޮޑު ހޯދުމެއްގައި، ބޮއް ފަދަ އޭމްފިބިއަން (ލޭ ފިނި ޖަނަވާރު) ތަކުގެ ގޮހޮރުން ފެންނަ ގުދުރަތީ ބެކްޓީރިއާއަކުން ކެންސަރު ޓިއުމަރުތައް މުޅިން ނައްތާލެވިދާނެކަން ސައިންސްވެރިން ހޯދައިފިއެވެ. ޖުލައި، 2026 ގައި ޖަޕާން އެޑްވާންސްޑް އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީން ހާމަކުރި މި ދިރާސާއަކީ ބަޔޯ-މެޑިސިންގެ ދާއިރާ ސިއްސުވާލި އާ ހޯދުމެކެވެ. މިއީ ކުރިމަގުގައި ކެންސަރު ބައްޔާ ދެކޮޅަށް ބެކްޓީރިއާ ބޭނުންކޮށްގެން ދޭ އާ ފަރުވާއަކަށް މަގުފަހިވެގެންދާނެ ކަމެކެވެ.
މި ހޯދުމުގެ އެންމެ ހައިރާންކުރަނިވި ކަމަކީ، މީދަލުގެ ހަށިގަނޑުގައި އުފެދިފައިވާ ބޮޑުގޮހޮރުގެ ކެންސަރު ނައްތާލުމަށް ބޭނުންވީ އެންމެ ފަރުވާއެއް ނުވަތަ އެންމެ ޑޯޒެއް ކަމަށްވުމެވެ. މި ބެކްޓީރިއާ ބޭނުންކޮށްގެން ދެވުނު އެންމެ ފަރުވާއަކުން މީދަލުގެ ހަށިގަނޑުގައި ހުރި ޓިއުމަރުތައް އެއްކޮށް ނެތިގޮސްފައިވެއެވެ. މީގެ ސަބަބުން، ގިނަ ދުވަސްތަކަކަށް ދޭންޖެހޭ ވޭންދެނިވި ކެންސަރު ފަރުވާތަކުގެ ބަދަލުގައި، މާ ކުރު އަދި ނަތީޖާ އަވަސް ފަރުވާއެއް ހޯދުމުގެ އުންމީދު ބޮޑުވެގެންދެއެވެ.
މި ގުދުރަތީ ބެކްޓީރިއާ މަސައްކަތްކުރަނީ ދެ ގޮތަކުންނެވެ. ފުރަތަމަ ކަމަކީ އެ ބެކްޓީރިއާ ސީދާ ކެންސަރު ސެލްތަކަށް ހަމަލާދީ އެ ސެލްތައް ނައްތާލުމެވެ. ދެވަނަ ކަމަކީ، އެއާ އެކުއެކީގައި ހަށިގަނޑުގެ ގުދުރަތީ ދިފާއީ ނިޒާމު ހީވާގިކޮށް، ކެންސަރާ ދެކޮޅަށް ހަނގުރާމަކުރުމަށް ހަށިގަނޑުގެ ސެލްތަކަށް ބާރުދިނުމެވެ. މިގޮތަށް ދެކޮޅުން އެއްފަހަރާ ހަމަލާދިނުމުގެ ސަބަބުން ކެންސަރު ސެލްތަކަށް ސަލާމަތްވުމުގެ ފުރުސަތެއް ނުލިބެއެވެ.
ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، މި ހޯދުމަކީ ހަމައެކަނި ބޮޑުގޮހޮރުގެ ކެންސަރަށް އެކަނި ބޭނުންކުރެވޭނެ ފަރުވާއެއް ނޫނެވެ. މިއީ ކުރިމަގުގައި ހަށިގަނޑުގެ އެކި ތަންތަނުގައި އުފެދޭ ހަރު ޓިއުމަރުތައް ނުވަތަ "ސޮލިޑް ޓިއުމަރުތައް" ނައްތާލުމުގައި ވެސް ބޭނުންކުރެވިދާނެ އުންމީދީ އާ ކެންސަރު ތެރަޕީއެކެވެ. މިއީ މުޅި ދުނިޔޭގައި ކެންސަރު ބަލީގެ ފަރުވާއަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ހޯދުމެކެވެ.

ހަވާލާ: ސައިންސް ޑެއިލީ 2026.