އުފަންވީއްސުރެ މައިބަދަ އާއި ގޮހޮރުގެ ބޮޑެތި މައްސަލަތަކެއް ތަހައްމަލުކުރަމުންދާ އުމުރުން 12 އަހަރުގެ ލުހްޔާގެ ފަރުވާއަށް އާންމުންގެ ދީލަތި އެހީތެރިކަމަށް އާއިލާއިން އެދިއްޖެއެވެ. "ކޯޑަލް ރިގްރެޝަން ސިންޑްރޯމް" އަށް ޑައިގްނޯސްވެފައިވާ ލުހްޔާއަށް ދިމާވެފައިވާ ނޭވާލުމުގެ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް ވަނީ އޮޕަރޭޝަނެއް ކޮށްފައެވެ. އަދި ކުރިއަށް ހުރި ފަރުވާތަކަށް ފައިސާ ހޯދުމަށް އާއިލާއިން ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ލުހްޔާގެ އާއިލާއިން ބުނިގޮތުން މިހާރު އެންމެ ބޮޑު ކަންބޮޑުވުމަކީ ބަލި ހާލަތުގެ ސަބަބުން ކެއުން ބުއިމަށް ހުރަސްއެޅިފައިވާތީއެވެ. 

ލުހްޔާ އުފަންވީ މައިބަދައިގެ ކަށިގަނޑާއި އުނަގަނޑުން ތިރީގެ ބައިތައް ފުރިހަމައަށް ނުއުފެދޭ ހާލަތެއްގައެވެ. އުފަންވިތާ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ބޮޑެތި ސާޖަރީތަކެއް ކުރެވުނު ނަމަވެސް، ހާލަތަށް އެދެވޭ ބަދަލެއް އައިސްފައެއް ނުވެއެވެ. އޭގެ ސަބަބުން އިތުރު ސާޖަރީތަކެއް ކުރަންޖެހޭކަމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ލުހްޔާގެ މުޅި ދިރިއުޅުން މިހާރު ވޭތުކުރަމުން ދަނީ ވީލްޗެއާގެ އެހީގައެވެ.

މީގެ އިތުރުން ލުހްޔާއަކީ ކުޑަކަމުދާ ނިޒާމާއި ބޮޑުކަމުދާ ނިޒާމުގެ އުނިކަމެއް ހުންނަ ކުއްޖެކެވެ. ހަށިގަނޑުން ނަޖިސް ބޭރުކުރުމަށްޓަކައި ބަނޑުގެ އެއްފަރާތުންނާއި ފޫޅުގެ ތިރިން ލޯވަޅެއް (ސްޓޯމާ) ހަދާފައިވީ ނަމަވެސް، ތަކުރާރުކޮށް މި ލޯވަޅު ބެދި ފާރުވުމުގެ ސަބަބުން ލޭ އައުމާއި އިންފެކްޝަން އަށަގަތުން ފަދަ އުނދަގޫތަކާ އޭނާ ކުރިމަތިލައެވެ. އަދި ބޮޑުކަމުދާ ތަކެތި ބޭރުވާ މަގު ބެދި، ބައެއްފަހަރު އަނގައިން ނަޖިސް ބޭރުވާ ހާލަތްތައް ވެސް އަންނަކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

މިކަންކަމުގެ އިތުރުން މިހާރު ލުހްޔާއަށް ވަނީ ނޭވާލުމުގައިވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވެފައެވެ. ނޭފަތުގައި މަސްކޮޅެއް އުފެދި ދޮސްލުމުގެ ސަބަބުން އީއެންޓީ ޑޮކްޓަރަކަށް ދެއްކުމުން ވަނީ "ސިވިއާ އެޑިނޮއިޑް ހައިޕަޓްރޯފީ" ޖެހިފައިވާކަން ދެނެގަނެވިފައެވެ. މިކަމަށް ފަރުވާދިނުމުގެ ގޮތުން ޓްރީޓޮޕް ހޮސްޕިޓަލުގައި "ކޮބްލޭޝަން އެޑިނޮއިޑެކްޓޮމީ" ސާޖަރީއެއް ކުރުމަށް ޖޫން މަހުގެ ފަހުކޮޅު ތާވަލުކުރެވުނެވެ. މި ސާޖަރީ ކުރާ ޑޮކްޓަރު އިންނަވަނީ ހަމައެކަނި އެ ހޮސްޕިޓަލުގައި ކަމަށް ވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

ގިނަ ރޭތަކެއްގެ ނިދިން މަހުރޫމްވެފައިވާ ލުހްޔާއަކީ މީގެ ކުރިން ފުރޮޅުލީ ގޮނޑީގައި ސްކޫލަށް ގޮސް ތައުލީމު ހާސިލުކުރަމުން އައި ހިތްވަރުގަދަ ކުއްޖެކެވެ. އެހެންނަމަވެސް، މައިބަދައަށާއި ކަރުގެ ބަދަތަކަށް ލިބިފައިވާ ސީރިއަސް ގެއްލުންތަކުގެ ސަބަބުން، ގިނަވަގުތު އިށީނދެ އިނުން ޑޮކްޓަރުން ވަނީ މަނާކޮށްފައެވެ. މި ހާލަތާ ގުޅިގެން ކުއްޖާގެ ކިޔެވުން މިހާރު ވަނީ ގޭގައި ކިޔަވައިދޭ ގޮތަށް ބަދަލުކުރަން ޖެހިފައެވެ.

ލުހްޔާގެ ބައްޕަ މުހައްމަދު އިޝާންއަކީ އެއާޕޯޓުގެ ބެގޭޖް ސާވިސްގައި ވަޒީފާ އަދާކުރާ މީހެކެވެ. އޭނާއަށް ލިބޭ އާމްދަނީން ގޭބިސީގެ ހަރަދުތައް ކަނޑާފައި، ދަރިފުޅުގެ ބޮޑެތި މެޑިކަލް ޓެސްޓުތަކާއި ސާޖަރީ އަދި ހޮސްޕިޓަލް ބިލްތައް ދެއްކުމަކީ އެ އާއިލާއަށް އުފުލަން ނުހަނު ދަތި މާލީ ބުރައެކެވެ. އާއިލާއިން ބުނީ ދަރިފުޅުގެ ފަރުވާ މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި މާލީ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ.

އުފަންވީއްސުރެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާ ލުހްޔާގެ ހަޔާތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އަދިވެސް ގިނަ ފަރުވާތަކެއް ބޭނުންވެއެވެ. އާއިލާގެ އުންމީދަކީ ދައުލަތާއި، އާންމު މުޖުތަމައުގެ ފަރުދުންގެ ކިބައިން ދީލަތި އެހީތެރިކަމެއް ލިބި، ލުހްޔާގެ ފަރުވާގެ ކަންކަން ފުރިހަމައަށް ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްވެގެން ދިއުމެވެ. މިއީ އެ ކުއްޖާއަށް އާ ދިރިއުޅުމެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްދޭންވީ ވަގުތެވެ.

ލުހްޔާއަށް އެހީތެރިވުމަށް މި ކިއުއާރު ކޯޑު ސްކޭން ކުރައްވާ. އަދި އިތުރު މައުލޫމާތު ހޯދުމަށް ހުލުޔާގެ އާއިލާއަށް 7594462 އަށް ގުޅުއްވާ!