ނޯވޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާލިން ހާލަންޑް މީގެ 10 އަހަރު ކުރިން ކިޔާފައިވާ ރެޕް ލަވައެއްގެ ރީމިކްސްއެއް ނެރުމާ އެކު، އެ ލަވަ ނޯވޭގެ ސްޕޮޓިފައި ޗާޓުގެ އެއްވަނައަށް އަރައިފިއެވެ.

"ކައިގޯ ޖޯ" ގެ ނަމުން ނަންދީފައިވާ މި ލަވަޔަކީ 2016 ވަނަ އަހަރު އުމުރުން 16 އަހަރުގައި ހާލަންޑާއި އޭނާގެ ބައެއް ރައްޓެހިން ވެގެން ކިޔާފައިވާ ލަވައެކެވެ. މި ލަވަ ޗާޓުތަކުގެ އެއްވަނައަށް މި ދުވަސްވަރު އަރާފައިވަނީ ދުނިޔޭގެ މަޝްހޫރު ޑީޖޭ ކައިގޯ މި ލަވައިގެ ރަސްމީ ރީމިކްސްއެއް މި މަހުގެ 7 ވަނަ ދުވަހު ނެރުމާ ގުޅިގެންނެވެ.

މި ލަވަޔަށް އަލުން ބޮޑު ސަމާލުކަމެއް ލިބުނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނޯވޭއިން ދައްކަމުންދާ މޮޅު ކުޅުމުގެ ތެރެއިންނެވެ. ހާއްސަކޮށް މުބާރާތުގެ ގަދަ 16 ގައި ބްރެޒިލް އަތުން 2-1 އިން ނޯވޭ މޮޅުވި މެޗުގައި ހާލަންޑް ޖެހި ދެ ގޯލާ އެކު، މި ލަވައިގެ އަސްލު ވީޑިއޯ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވިއެވެ. ކައިގޯ ކުރިން ބުނެފައިވަނީ އެ މެޗުގައި ހާލަންޑް ގޯލެއް ޖަހައިފި ނަމަ އެ ލަވައިގެ ރީމިކްސްއެއް ނެރޭނެ ކަމަށެވެ. އަދި އޭނާގެ ވައުދާ އެއްގޮތަށް ނެރުނު ރީމިކްސްއަށް ސްޕޮޓިފައިގެ އިތުރުން އެޕަލް މިއުޒިކް ޗާޓުތަކުން ވެސް މިހާރު ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

މި ކާމިޔާބީއާ ގުޅިގެން ހާލަންޑް ވަނީ ސޯޝަލް މީޑިއާގައި ކައިގޯއަށް ޝުކުރު އަދާކޮށް، އޭނާއަކީ މިހާރު ރަސްމީކޮށް އާޓިސްޓެއްތޯ ސުވާލުކޮށްފައެވެ. މިއަށް ޖަވާބު ދެމުން ކައިގޯ ބުނީ ހާލަންޑަކީ "ޕާޓް ޓައިމް ފުޓްބޯޅަ ކުޅުންތެރިއެއް، ފުލް ޓައިމް އާޓިސްޓެއް" ކަމަށެވެ. ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ނޯވޭ އާއި އިންގްލެންޑް ބައްދަލުކުރާ މެޗަށް ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، ގިނަ ބަޔަކު އުންމީދު ކުރަނީ ނޯވޭ މޮޅުވެއްޖެ ނަމަ މި ލަވަ ވެގެންދާނީ އެ ގައުމުގެ އުފާފާޅުކުރުމުގެ ރަސްމީ ލަވަޔަށް ކަމަށެވެ.