އިންޑިއާގެ އަންދުރަ ޕްރަދޭޝްގެ ކަޑަޕާ ޑިސްޓްރިކްޓުން ކޮވިޑް-19 ޖެހިގެން މީހަކު މަރުވެ، އެ ބައްޔަށް އިތުރު ތިން މީހަކު ޕޮޒިޓިވްވެއްޖެއެވެ.
މިއީ ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ސަރަހައްދުން ކޮވިޑް ބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ. ރީމްސް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ ކަޑަޕާ ސިޓީއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ.
އޮފިޝަލުން ހާމަކުރި ގޮތުގައި، މަރުވި މީހާއަކީ ފުއްޕާމޭގެ ސީރިއަސް އިންފެކްޝަނެއްގެ އިތުރުން ސިއްހީ އެހެން ބޮޑެތި ބަލިތަކެއް ވެސް ތަހައްމަލު ކުރަމުންދިޔަ މީހެކެވެ. މި ހާދިސާއާ ގުޅިގެން އޭނާއާ ގާތް ގުޅުމެއް ބޭއްވި މީހުން ޓެސްޓުކުރިއިރު، ތިން މީހަކު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ސިއްހީ އިދާރާތަކުން މިހާރު ވަނީ އެ ތިން މީހުން ގޭގައި އެކަހެރިވެގެން ތިބުމަށް އަންގާފައެވެ.
މި މަރާ ގުޅިގެން އާންމުންގެ މެދުގައި ބިރުވެރިކަމެއް އުފެދިދާނެތީ، ހާސްނުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، އަލުން މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ އިރުޝާދުތައް ނެރުމާ މެދު ކަމާބެހޭ އޮފިޝަލުން މިހާރު ދަނީ ވިސްނަމުންނެވެ.
