ނޯވޭގެ މަޝްހޫރު ފުޓްބޯޅަ ތަރި އާލިން ހާލަންޑް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވިދަމުންދާއިރު، އޭނާއާ ވައްތަރުގެ ރަޝިއާގެ އަންހެން މޮޑެލްއެއްގެ ވީޑިއޯތަކަށް ސޯޝަލް މީޑިއާގައި މިލިއަނުން ވިއުސް ލިބެން ފަށައިފިއެވެ.
އުމުރުން 24 އަހަރުގެ މި މޮޑެލްއަކީ މޮސްކޯގެ "މޯޝަން" މޮޑެލް އެޖެންސީއަށް މަސައްކަތް ކުރަމުންދާ އަނަސްތާސިއާ ކޮސްޓްރޮމިތިނާ އެވެ. އޭނާ އިންސްޓަގްރާމްގައި ހާލަންޑްގެ ހަރަކާތްތައް ކޮޕީކޮށްގެން އާންމުކުރި އެއް ވީޑިއޯއަށް އެކަނި ވެސް މިހާތަނަށް 110 މިލިއަނަށް ވުރެ ގިނަ ވިއުސް އަދި 5 މިލިއަނަށް ވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.
ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި ކޮސްޓްރޮމިތިނާ ބުނީ، އޭނާއަކީ ދުވަހަކު ވެސް ފުޓްބޯޅައަށް ޝައުގުވެރިކަމެއް ހުރި މީހެއް ނޫން ކަމަށެވެ.
މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ ހާލަންޑާ އޭނާގެ ސިފަ އެހާ ބޮޑަށް ވައްތަރުކަން އެންމެ ފުރަތަމަ ފާހަގަކުރީ އޭނާގެ ރައްޓެހި އެކުވެރިއެއް ކަމަށް ވެސް ކޮސްޓްރޮމިތިނާ ހާމަކުރިއެވެ. މި ފާހަގަކޮށްލުމާ އެކު އޭނާ ސޯޝަލް މީޑިއާގައި ކުރަން ފެށި މަސައްކަތުން މިހާރު ވަނީ ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ.
ހާލަންޑް ވޯލްޑް ކަޕްގައި މޮޅު ކުޅުމެއް ދައްކަމުންދާ މި ދަނޑިވަޅުގައި، ކޮސްޓްރޮމިތިނާގެ ވީޑިއޯތައް ވައިރަލްވުމުން ދުނިޔޭގެ އެކި ކޮޅުތަކުން ފުޓްބޯޅަ ސަޕޯޓަރުންގެ ސަމާލުކަން އޭނާއަށް ވަނީ ހުއްޓިފައެވެ. ދަނޑުމަތީގައި ހާލަންޑް ދައްކާ ހާއްސަ އުފާފާޅުކުރުންތަކާއި މޫނުމަތީގެ ކުލަވަރުތައް ކޮސްޓްރޮމިތިނާ ވީޑިއޯތަކުގައި ގެނެސްދޭ ގޮތުން ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.
