2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބާއްވާނެ ގައުމުތައް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީކޮށް އިޢުލާންކުރައްވައިފިއެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް 2030 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިން ގުޅިގެންނެވެ. މިއީ ތާރީޚީ ގޮތުން ބަލާއިރު ތިން ބައްރަކަށް ބެހިގެންދާ ފުރަތަމަ ވޯލްޑް ކަޕް މުބާރާތެވެ.

މި މުބާރާތަކީ ދުނިޔޭގެ ވޯލްޑް ކަޕް މުބާރާތް ބާއްވަން ފެށިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ މުބާރާތެކެވެ. އެގޮތުން 1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕްގެ ސައްތަ ފުރޭ މުނާސަބަތާ ގުޅުވައިގެން، އާޖެންޓީނާ، ޕެރަގުއޭ އަދި އުރުގުއޭގައި ހާއްސަ އުފާފާޅުކުރުމުގެ މެޗުތަކެއް ކުޅުމަށް ވަނީ ނިންމާފައެވެ. މި ތިން ގައުމުގެ ތެރެއިން ކޮންމެ ގައުމެއްގައި ވެސް މި މުނާސަބަތާ ގުޅޭ އެއް މެޗު ކުޅޭނެއެވެ.

ފީފާއިން ހާމަކުރި ގޮތުގައި، މި ނިންމުމުގެ ސަބަބުން ފުޓްބޯޅައިގެ މުއްސަނދި ތާރީޚު ފާހަގަކުރުމުގެ އިތުރުން، މުޅި ދުނިޔޭގެ ފުޓްބޯޅައިގެ މުސްތަގުބަލު ބައްޓަންކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. އަދި ތިން ބައްރެއްގެ ގައުމުތައް ގުޅިގެން މި މުބާރާތް ބޭއްވުމަކީ ފުޓްބޯޅައިގެ ޒަރީއާއިން މުޅި ދުނިޔެ އެއްބައިވަންތަ ކޮށްދޭނެ ކަމެއް ކަމަށް ވެސް ފީފާގެ އޮފީހުން ބުންޏެވެ.