އައްޑޫ ސިޓީ މަރަދޫގައި މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، އެ ރަށު "ބޯޅަދަނޑުގެ" 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ނެރެފިއެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ކޯޓުން މި އަމުރު ނެރެފައިވަނީ މި ހިނގާ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެންނެވެ.

މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރު ކަމަށް ފުލުހުން ބުންޏެވެ. ކޯޓު އަމުރުގެ ދަށުން ބަންދުކުރާ ތަންތަނަށް، އެ އަމުރުގެ މުއްދަތުގައި ހުއްދައެއް ނެތި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.

ފުލުހުން ބުނިގޮތުގައި، ކޯޓު އަމުރާ ހިލާފަށް އެ ތަނަށް ހުއްދައެއް ނެތި ވަންނަ ފަރާތްތަކާއި، އެ ތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. އެހެންކަމުން އެފަދަ އަމަލުތަކުން ދުރުހެލިވުމަށް ފުލުހުންގެ އިދާރާއިން ވަނީ އެންމެހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އަދި އާންމު ރައްޔިތުން ދެމުންދާ އެހީތެރިކަމަށް ފުލުހުންގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުން ފުލުހުންނަށް ލިބިދީފައިވާ ބާރުތަކުގެ ދަށުން، މިފަދަ ކުށްތައް ހުއްޓުވުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެފަދަ ތަކެތި ބޭނުންކުރުމުގެ ހިދުމަތް ދޭ އިތުރު ތަންތަން ހޯދައި، ގާނޫނުގައިވާ ގޮތުގެ މަތިން އެފަދަ ތަންތަން ބަންދުކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.