ފިއުލް ސަޕްލައި ރާއްޖެ، އެފްއެސްއެމްއިން ދޭ ކަނޑުމަތީގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، އެ ކުންފުނީގެ ތެޔޮ އުފުލާ ބާޖުތަކުގައި އޮޓޮމެޓިކް ޓޭންކް ގޭޖިންގ (އޭޓީޖީ) ސިސްޓަމް ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫއު ކުރިއަށްގެންދަނީ ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު މެދުކެނޑުމެއްނެތި، އިތުބާރާއެކު ސައްހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަގުސަދުގައެވެ.

އެފްއެސްއެމްއިން ބުނިގޮތުގައި، އެ ކުންފުނީގެ ތެޔޮ އުފުލާ އުޅަނދުފަހަރުގައި މިފަދަ ޒަމާނީ ސިސްޓަމެއް ހަރުކުރާ މިއީ ފުރަތަމަ ފަހަރެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ "ހުނިކެ" ބާޖުގައި މި ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސިސްޓަމުގެ ސަބަބުން ކުންފުނީގެ އޮޕަރޭޝަންތަކުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުވެގެންދާނެއެވެ. އަދި ތެޔޮ ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ފުރިހަމަ އަދި އިތުރުބާރު ހުރި ހިދުމަތެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

މި ސިސްޓަމުގެ ސަބަބުން ތެޔޮ ބާޖުތަކުން ތެޔޮ ދޫކުރުމާއި، ޓޭންކުތަކުގައި ހުންނަ ތެލުގެ ހިސާބުތައް ބެލެހެއްޓުމުގައި މިހާރު ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބޭނެ ކަމަށް ފިއުލް ސަޕްލައި ރާއްޖެއިން ބުންޏެވެ. މިއީ ކުރިން އަތުން ކުރަމުންދިޔަ ބައެއް މަސައްކަތްތައް ޑިޖިޓަލްކޮށް ބަދަލުކޮށްލާނެ ކަމެކެވެ.

މިއީ އެފްއެސްއެމްގެ ހިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ޓެކްނޮލޮޖީގެ އެހީގައި މަސައްކަތްތައް އަވަސް އަދި ފަސޭހަ ކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ބަދަލާއެކު ކުންފުނީގެ ޖުމްލަ ހިންގުމަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

މި އާ ސިސްޓަމް އެފްއެސްއެމްގެ ހުރިހާ ބާޖުތަކެއްގައި ހަރުކޮށް ނިމުމުން، ރާއްޖޭގެ ކަނޑުމަތީގެ ތެލުގެ ވިޔަފާރިއަށާއި ސަޕްލައި ޗެއިނަށް ބޮޑު ކުރިއެރުމެއް ލިބި، ހިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.