ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް، މި ހަފުތާގެ ތެރޭގައި ޑިޖިޓަލްކޮށް އެ މީހުންގެ ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން މިކަން ހާމަކުރެއްވީ ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑޮކްޓަރު އަބްދުﷲ މުއްތަލިބެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު، ގުޅިފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާ ގުޅޭގޮތުން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ކުރީގެ ސަރުކާރުތަކުން ފަށާފައި ހުރި މަޝްރޫއުތައް ނިންމައި އާންމުންނަށް ކޮށްދިނުން ކަމަށެވެ.

ކުރީގެ ސަރުކާރުން އެކުލަވާލާފައިވާ ލޭންޑް ޔޫސް ޕްލޭންގައި ގިނަ މައްސަލަތަކެއް ހުރުމުން، މި ސަރުކާރުން ވަނީ އާ ލޭންޑ ޔޫސް ޕްލޭނެއް ހަދައި ގުޅިފަޅު އިތުރަށް ހިއްކުމުގެ މަސައްކަތް ފަށާފައެވެ. ސަރުކާރުން ނިންމާފައިވަނީ ގުޅިފަޅުން ޖުމްލަ 3،520 ގޯތި ދިނުމަށެވެ. މީގެ ތެރޭގައި ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުކުރަން ނިންމި 1،347 ގޯތިވެސް ހިމެނެއެވެ.

ގުޅިފަޅުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޖިލީހުގައި މިނިސްޓަރު ވިދާޅުވީ، "މިހާރު ގުޅިފަޅުގެ މަސައްކަތް ނިންމައި އިރާދަކުރެއްވިއްޔާމުން މި ހަފުތާގެ ތެރޭގައި މި ބަލަނީ، ގޯތި ދެވެން ހުރި ހުރިހާ ފަރާތްތަކާ ވެސް ޑިޖިޓަލް ގޮތަށް، އެ ބޭފުޅުންނަށް އެ ބޭފުޅުންގެ ގޯތި ސީދާ ފެންނަ ގޮތަށް ލާފައި އެ ގޯއްޗާ ހަވާލުވުމުގެ ފުރުސަތު ދޭން،" ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ގޯތިތަކާ ހަވާލުވުމުގެ ފުރުސަތު ދިނުމުގެ އިތުރުން، އެ ތަނުގައި ވަށާފާރު ރޭނުމުގެ ފުރުސަތުވެސް ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލެ 3 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށް މިހާރު ގާތްގަނޑަކަށް ނިމިފައިވާ ކަމަށާއި، ގިރާވަރުފަޅުން ބާކީ އޮތް 50 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި މަހު އަލުން ފަށާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅިފަޅުން ގޯތި ލިބޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް އެންމެންނާއެކު އެއްބަސްވުމުގައި މިހާރު ސޮއިކޮށްފައިވާ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. މި ހަފުތާގައި ހުޅުވާލާ ޑިޖިޓަލް ނިޒާމާއެކު، ގޯތި ލިބުނު ފަރާތްތަކަށް އެ މީހުންގެ ގޯތިތައް ކަނޑައެޅިގެން އެނގި، އަމަލީ މަސައްކަތް ފެށުމަށް ބົດު ފަސޭހައެއް ލިބިގެންދާނެއެވެ.