އިސްރާއީލް ސިފައިން، ފަލަސްތީންގެ ހުޅަނގު އައްސޭރީގައި ދިން ހަމަލާތަކެއްގައި 12 އަހަރުގެ ފިރިހެން ކުއްޖެއްގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފިއެވެ.

ޝަހީދުވެފައި ވަނީ މުހައްމަދު މުއައްޔަދު އަލާމީ ނަމަކަށް ކިޔާ ކުއްޖެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާގެ ގަޔަށް ބަޑި ޖަހާފައި ވަނީ ހުޅަނގު އައްސޭރީގައި ތިބި އިސްރާއީލް ސިފައިންނެވެ. އެކުއްޖާއަށް އަމާޒުވި ވަޒަން، އެ ކުއްޖާގެ މެޔަށް އަމާޒުކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި އެ ކުއްޖާގެ ގަޔަށް ބަޑި ޖެހީ އޭނާގެ ބައްޕަ އާއެކު، ކާރުގައި އިންދައެވެ. އެކުއްޖާ ޝަހީދުވީ ބަޑީގެ ހަމަލާގައި ލިބުނު ޒަޚަމްތަކަށް ފަރުވާ ދެމުން ދަނިކޮށެވެ.

އޭނާއާއި އޭނާގެ ބައްޕަ އަދި އަންހެން ކޮއްކޮ ދަތުރު ކުރަމުން ދިޔަ ކާރު ހުޅަނގު އައްސޭރީގައި މަޑު ކުރީ ވިޔަފާރިއެއްކުރުމަށް ކަމަށްވެއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ކާރު ދާން ފެށުމުން އިސްރާއީލް ސިފައިން ވަނީ ކާރު މަޑު ކުރުމަށް އަންގައިފައެވެ.

އަދި އިސްރާއީލް ސިފައިންގެ މީހަކު ބަޑި ނަގާ ކާރަށް އަމާޒުކޮށް ބަޑި ޖަހަން ފެށީކަމަށް ރިޕޯޓުތައް ބުނެއެވެ.

އިސްރާއީލް އިން ވަނީ މިދިޔަ ހޮނިހިރު ދުވަހު ވެސް ފަލަސްތީންގެ 17 އަހަރުގެ ފިރިހެން ކުއްޖެއް ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލައިފައެވެ. އިސްރާއީލުގެ މިފަދަ ހަމަލާތަކުގައި ކުޑަކުދިން ޝަހީދުވާލެއް ވަރަށްވެސް ގިނައެވެ. ނަމަވެސް އިންސާނީ ހައްގުތަކާއި ކުޑަކުދިންގެ ހައްގުތަކުގެ ވާހަކަ ދައްކާ މީހުންނަށް މި މަންޒަރު ފެންނަނީ ވަރަށްވެސް ފުސްކޮށެވެ.