ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ނޯވޭގެ އެރްލިން ހާލަންޑާއި އޭނާގެ ލޯބިވެރިޔާ އިޒަބެލް ހައުގްސެންގް ޖޯހަންސަންގެ ފަސް އަހަރުވީ ލޯބީގެ ގުޅުން، މީޑިއާގެ ސަމާލުކަމާ ދުރުގައި ވަރަށް ސާދާ އަދި އަމިއްލަ ގޮތެއްގައި ދަމަހައްޓަމުންދާ ދިއުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ ކަމެކެވެ.

މީޑިއާތަކުގެ ފަލަސުރުހީތަކުން ޖާގަ ހޯދާ އެހެން ކުޅުންތެރިންގެ ގުޅުންތަކާ ހިލާފަށް، މި ދެ މީހުންގެ ގުޅުން ހަމަހިމޭންކޮށް ބޭއްވުމުގެ މައިގަނޑު ސިއްރަކީ ކުޑައިރުއްސުރެ އުފެދިފައިވާ ވަރުގަދަ އެކުވެރިކަމެވެ.

މި ދެ މީހުންނަކީ ނޯވޭގެ ކުޑަ ރަށެއް ކަމަށްވާ ބްރައިންއަށް އުފަން، އަދި ކުޑައިރުއްސުރެ އެކަކު އަނެކަކު ދަންނަ ދެ މީހުންނެވެ. އެ ދެ މީހުން ފުރަތަމަ ދިމާވީ އެ ރަށުގެ ފުޓްބޯޅަ ކްލަބުން ކަމަށްވާއިރު، އިޒަބެލްއަކީވެސް ޒުވާން އުމުރުގައި ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެކެވެ. ހާލަންޑް ދުނިޔޭގެ ފެންވަރުގައި މަޝްހޫރުވުމުގެ މާ ކުރިން އުފެދުނު މި އެކުވެރިކަން ލޯބީގެ ގުޅުމަކަށް ބަދަލުވީ 2021 ވަނަ އަހަރުގެ ތެރޭގައެވެ.

މެންޗެސްޓާ ސިޓީއާއި ނޯވޭގެ ގައުމީ ޓީމުގައި ހާލަންޑް ބޮޑެތި ކާމިޔާބީތައް ހޯދަމުންދާއިރުވެސް، އިޒަބެލް އަބަދުވެސް މަސައްކަތްކުރަނީ މީޑިއގެ ސަމާލުކަމުން ދުރުގައި ހުރެ އޭނާއަށް ސަޕޯޓުދިނުމަށެވެ. މި ގުޅުމަށް 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފިރިހެން ކުއްޖަކު ލިބިފައިވާއިރު، ދަރިފުޅުގެ މައުލޫމާތާއި މޫނުވެސް ސޯޝަލް މީޑިއާގައި ހާމަނުކޮށް އެ މީހުން ދަނީ އާދައިގެ ހަމަޖެހޭ ދިރިއުޅުމެއް އާރާސްތުކުރަމުންނެވެ. ކޮމްޕިއުޓަރު ގޭމް ކުޅުމާއި ސާދާ ދިރިއުޅުމަކަށް ލޯބިކުރާ މި ޖޯޑަކީ ފުޓްބޯޅަ ދުނިޔޭގައި ވަރަށް ދުޅަހެޔޮ އަދި ނަމޫނާ ލޯބީގެ ގުޅުމެއް ދަމަހައްޓާ ބައެއްގެ ގޮތުގައި ސަޕޯޓަރުން ފާހަގަކުރެއެވެ.