ވިހެއުމުގައި، ގުޅިފައިވާ އެއްމާބަނޑު ދެކުދިން ވަކިކުރުމުގެ 50 ވަނަ އޮޕަރޭޝަން ސައުދީގައި ކޮށްފިއެވެ. މިގޮތަށް ގުޅިފައިތިބޭ ކުދިންނަށް ކޮންޖޮއިންޑް ޓުވިންސްއޭ ކިޔައެވެ.
މި އޮޕަރޭޝަންގައި 8 ގަޑިއިރާ 30 މިނެޓުވަނީ ހޭދަވެފައެވެ. މި އޮޕަރޭޝަންގައި 25 މީހުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ޑަކްޓަރުންނާއި ސުޕެޝަލިސްޓުންނާއި ނަރުހުންނާއި ޓެކްނިކަލް މީހުން ހިމެނެއެވެ. މި އޮޕަރޭޝަން ކޮށްފައިވަނީ ސައުދީގައި ހުންނަ ކިންގް އަބްދު ﷲ ސްޕެޝަލިޓީ ޗިލްޑްރެން ހޮސްޕިޓަލުގައެވެ.
ޔަމަނަށް ނިސްބަތްވާ އައިޝާ އާއި އަޙްމަދުގެ ހަށިގަނޑު މިހާރުވަނީ ވަކިކުރެވިފައެވެ. ވިހެއުމުގައި މި ދެކުދިންގެ ހަށިގަނޑު ވަނީ އުނަގަނޑާއި ހިސާބުން ގުޅިފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފާއިތުވި އަހަރުތަކުގައި ސައުދީގައި ކޮންޖޮއިންޑް ޓުވިންސްގެ 117 ކޭހެއް ވަނީ ބަލާފައެވެ. އޭގެ ތެރެއިން މިއީ 50 ވަނަ އޮޕަރޭޝަނެވެ. ރިޕޯޓުތައް ބުނާގޮތުން އެގައުމަށް ޑަކްޓަރަށް ދަށްކަން އެކި ގައުމުތަކުން މީހުން އާދެއެވެ. އެގޮތުން ފާއިތުވި އަހަރުތަކުގައި 22 ގައުމަކުން ވަނީ ސައުދީއަށް މިފަދަ ކުދިން ގޮވައިގެން ފަރުވާއަށް އައިސްފައެވެ.
ސައުދީގައި މީގެ އޮޕަރޭޝަން ކުރަން ފަށާފައިވަނީ 1990ގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
