ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ހަވާލުކުރިކަމުގެ ލިޔުން "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިހާރު ލިބޭނެ އިންތިޒާމް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. މިއީ ގޯތި ލިބިފައިވާ ފަރާތްތަކަށް ލުއިފަސޭހަކަމާއެކު ލިޔެކިޔުންތައް ފޯރުކޮށްދިނުމަށްޓަކައި އެ މިނިސްޓްރީން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
މި އާ އިންތިޒާމުގެ ދަށުން، ޕޯޓަލް މެދުވެރިކޮށް ގޯތީގެ ލިޔުން ޑައުންލޯޑް ކުރުމުގެ އިތުރުން، ގޯތި އޮތް ސަރަހައްދާއި އެ ސަރަހައްދުގެ މިހާރުގެ ހާލަތު މެޕުން ބަލާލެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. މީގެ ސަބަބުން ގޯތި ލިބުނު ފަރާތްތަކަށް އެމީހުންގެ ބިމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަގުތުން ބަލާލެވޭނެ އިންތިޒާމް ލިބިގެންދާނެއެވެ.
ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ލިޔުން ލިބޭނީ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލuތަކާ ގުޅިގެން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވެފައިވާ ފަރާތްތަކަށެވެ. ނަމަވެސް، ގޯތި އޮތް ސަރަހައްދަކީ މިވަގުތު މަސައްކަތު ސައިޓެއްގެ ގޮތުގައި ބޭނުންކުރާ ތަނެއްނަމަ، އެ ފަރާތްތަކަށް ލިޔުން ދޫކުރާނީ ކުރިއަށްދާ މަސައްކަތްތައް ނިމުމުންނެވެ.
ގުޅިފަޅު މަޝްރޫއުގެ ދަށުން ޖުމްލަ 3،520 ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި ތަފާތު 7 ސައިޒެއްގެ ގޯތި ހިމެނޭއިރު، އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. އަދި އެންމެ ބޮޑު ގޯތިތަކުގެ ބޮޑުމިން 3،650 އަކަފޫޓަށް އަރައެވެ.
