ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތާރީހުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ މި ހިނގާ 2026 ވަނަ އަހަރުގެ ވޭތުވެދިޔަ ހަ މަސް ދުވަހުގެ ތެރޭގައި ކަމަށް ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި "ޔޫތު އޮންޓްރަޕްރިނަސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ، ބޭންކުގައި ޑޮލަރު އެބަހުރި ކަމަށާއި މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ.

ޝަރީފު ވިދާޅުވީ، ކާޑުގެ މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ތައުލީމު އަދި ބޭސްފަރުވާގެ ކަންތައްތަކުގެ އިތުރުން ފުރާ މީހުންނަށް ވިއްކާ ނަގުދު ފައިސާއާ އެކު، ބޭންކުން މި އަހަރު ކޮންމެ މަހަކު އެވްރެޖްކޮށް ގާތްގަނޑަކަށް 80 މިލިއަން ޑޮލަރު ވިއްކަމުންދާ ކަމަށެވެ. މިއީ 2021 ވަނަ އަހަރު ކޮންމެ މަހަކު އެވްރެޖްކޮށް ވިއްކި 21 މިލިއަން ޑޮލަރާއި، 2023 ވަނަ އަހަރު ވިއްކި 37 މިލިއަން ޑޮލަރާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. ބޭންކުން ޑޮލަރު ދޫކުރާ މިންވަރު މިހާ ބޮޑަށް އިތުރުވެފައިވާތީ، ޝަރީފު ވަނީ ބޭންކުގައި ޑޮލަރު ނެތް ކަމަށް ބުނެ ދެކެވޭ ވާހަކަތަކާ މެދު ސުވާލު އުފައްދަވާފައެވެ.

"މިއަހަރު މިދަނީ ގާތްގަޑަކަށް 80 މިލިއަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން. މިހާވަރަށް އިތުރަށް މިހާރު ޑޮލަރު ވިއްކަނީ ޑޮލަރު ނެތީމަތޯ؟" ބޭންކުގައި ޑޮލަރު ހުރިކަމުގެ ޔަގީންކަން ދެއްވަމުން ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން، 2023 ގެ ނިޔަލަށް ޑޮލަރުން ދޫކޮށްފައިވާ ލޯނަށް ވުރެ ދެ ގުނަ އިތުރަށް، ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ޓޫރިޒަމް ހިމެނޭހެން ވިޔަފާރިތަކަށް މިދިޔަ މަހުގެ ނިޔަލަށް ބީއެމްއެލްއިން ޑޮލަރުން ދޫކުރި ލޯނުގެ ޖުމްލަ އަދަދު 860 މިލިއަން ޑޮލަރަށް އަރާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 2020 ވަނަ އަހަރު ޑެބިޓް ކާޑުތަކަށް ކަނޑައެޅި 250 ޑޮލަރުގެ ލިމިޓް، މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން ރާއްޖެއިން ބޭރުގެ ހިދުމަތްތަކަށް 1000 ޑޮލަރަށް އަދި ބޭސްފަރުވާއާ ދަތުރުތަކަށް 3000 ޑޮލަރަށް ބޮޑުކޮށް، އެ ހިދުމަތް މިއަދާ ހަމައަށްވެސް ބަދަލެއް ނެތި ދެމުން އަންނަކަމަށް ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.