ސްޕެއިނާއި ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް، ފްރާންސާއި ރެއާލް މެޑްރިޑްގެ ފޯވާޑް ކީލިއަން އެމްބާޕޭއާ ދެކޮޅަށް ކުޅުނު ނޮކްއައުޓް (މުބާރާތުން ކަޓާ) އެއްވެސް މެޗަކުން ބަލިނުވެ، ފުރިހަމަ ރެކޯޑެއް ދަމަހައްޓާފައިވާކަން ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ މެދުތެރެއާ ހަމައަށް އެއްކުރި މައުލޫމާތުތަކަށް ބަލާއިރު، މި ދެ ކުޅުންތެރިން ބައްދަލުކުރި ނޮކްއައުޓް ހުރިހާ މެޗަކުންވެސް ކުރި ހޯދާފައިވަނީ ޔަމާލްގެ ޓީމުތަކެވެ. މިއާއެކު ފުޓްބޯޅަ ފޭނުންގެ މެދުގައި ޔަމާލްއަކީ ނޮކްއައުޓް މެޗުތަކުގައި "އެމްބާޕޭގެ ބިރެއް" ގެ ގޮތުގައި ވަނީ މަޝްހޫރުވެފައެވެ.

ދެ ކުޅުންތެރިން ކްލަބް ލެވެލްގައްޔާއި ގައުމީ ޓީމުތަކުގައި މިހާތަނަށް އެކި މުބާރާތްތަކުގައި ބައްދަލުކުރި ޖުމްލަ ހެޑް-ޓު-ހެޑް ރެކޯޑުތަކަށް ބަލާއިރުވެސް ޔަމާލް އޮތީ މާ ކުރީގައެވެ. މިގޮތުން ދެ ކުޅުންތެރިން ކުރިމަތިލީ 11 މެޗުގެ ތެރެއިން 9 މެޗުން ޔަމާލް މޮޅުވެފައިވާއިރު، އެމްބާޕޭއަށް މޮޅުވެވުނީ އެންމެ 2 މެޗުންނެވެ. އަދި މި މެޗުތަކުގެ ތެރެއިން އެއްވެސް މެޗެއް އެއްވަރުވެފައެއް ނުވެއެވެ. މި ބޮޑު ތަފާތުގެ ސަބަބުން، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ އެމްބާޕޭ ހުއްޓުވުމުގައި ޔަމާލްއަކީ ހާއްސަ ހުނަރެއް ހުރި ކުޅުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

ހާއްސަކޮށް ބޮޑެތި މުބާރާތްތަކުގެ ނޮކްއައުޓް މެޗުތަކުގައި ޔަމާލްގެ ބާސެލޯނާ އަދި ސްޕެއިން ގައުމީ ޓީމުން ވަނީ އެމްބާޕޭގެ ޕީއެސްޖީ، ރެއާލް މެޑްރިޑް އަދި ފްރާންސްގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ޔޫރޯ 2024 ގެ ސެމީ ފައިނަލް މެޗާއި، ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލްތަކާއި، ކޮޕާ ޑެލް ރޭ ފައިނަލްގެ އިތުރުން ނޭޝަންސް ލީގުގެ ސެމީ ފައިނަލްވެސް ހިމެނެއެވެ. މި ހުރިހާ މެޗުތަކަކުންވެސް އެމްބާޕޭގެ ޓީމުތައް މުބާރާތުން ބާކީކޮށް، ޔަމާލް ވަނީ އޭނާއާ ދެކޮޅަށް ނޮކްއައުޓް މެޗުތަކުގައި 5-0 ނުވަތަ 6-0 ގެ ފުރިހަމަ ނަތީޖާއަކާއެކު ބަލިނުވެ ހިފަހައްޓާފައެވެ.