ފިލިޕީންސްގެ މަސްވެރިއަކު ނަސީބު ގެނެސްދޭ އެއްޗެއް ކަމަށް ބަލައިގެން، މީގެ ދިހަ އަހަރު ކުރިން ފެށިގެން އޭނާގެ އެނދުދަށުގައި ބާއްވައިގެން ގެންގުޅުނު ބޮޑު މުތީއެއްގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް މާހިރުން އަންދާޒާކޮށްފިއެވެ.

ގާތްގަނޑަކަށް 75 ޕައުންޑު (34 ކިލޯ) ހުރި މި ބޮޑު މުތީއަކީ މިހާތަނަށް ދުނިޔެއިން ފެނުނު އެންމެ ބޮޑު މުތީ ކަމަށް ބެލެވެއެވެ.

މި މުތީ ފެނުނު ފިލިޕީންސްގެ މަސްވެރިޔާ މީގެ ދިހަ އަހަރު ކުރިން މަހަށް ގޮސް އުޅެނިކޮށް، އޭނާގެ ބޭނި ބާނި ހިފެހެއްޓީ މި ބޮޑު އިތާ ފާގައެވެ. އޭނާ މިއީ ވަރަށް އަގުބޮޑު އެއްޗެއްކަން ނޭނގި، ހަމައެކަނި ނަސީބު ގެނެސްދޭ އެއްޗެއްގެ ގޮތުގައި ބަލައިގެން އޭނާގެ ކުޑަ ގެގޭގެ އެނދުދަށުގައި ބޭއްވީއެވެ. މި މުތީ އެނދުދަށުގައި ހިރަފުސް ބޯވެފައި އޮންނަތާ ދިހަ އަހަރު ފަހުން، އޭނާގެ އާއިލާގެ މީހަކު މީގެ އަގު ބެލުމަށް ހުށަހެޅި ހުށަހެޅުމާއެކު، މިއީ ތާރީހީ ބޮޑު ހަޒާނާއެއްކަން ވަނީ ހާމަވެފައެވެ.

މި މުތީގެ އަގު 100 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ބެލެވޭއިރު، މިއީ މީގެ ކުރިން ދުނިޔެއިން ފެނުނު އެންމެ ބޮޑު މުތީ ކަމަށްވާ "ޕާލް އޮފް ލާއޯ ޒޫ" އަށްވުރެ ފަސް ގުނަ ބޮޑު މުތީއެކެވެ. މިއާއެކު، އާދައިގެ ކަމެއްގެ ގޮތުގައި އެނދުދަށުގައި ފާލަތު ފައިވާނާ ޖެހިޖެހި އޮތް މި އަގުނުކުރެވޭ ފަދަ ޖަވާހިރުގެ ވާހަކަ މިހާރު ވަނީ މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައެވެ.