ޗައިނާ ސަރުކާރުގެ ގިނަ ސިޔާސަތުތަކަށް ފާޅުގައި ފާޑުކިޔަމުން އައި މަޝްހޫރު ބިލިއަނަރު ސުން ޑާވޫ، 18 އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ސުން އަކީ ޗައިނާގެ އުތުރުގައި އޮންނަ ހޭބެއި ޕްރޮވިންސްގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ ވިޔަފާރި ހިންގާ އެކަކެވެ. އޭނާ ވަނީ، މިދިޔަ ދުވަސްތަކުގައި ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ފާޅުގައި ސަރުކާރަށް ފާޑު ކިޔައިފައެވެ. އޭގެ އިތުރުން ޗައިނާގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ވެސް، ސަރުކާރާ ދެކޮޅު ވާހަކަތައްވެސް މީސް މީޑިއާގައި އާންމު ކޮށްފައިވެ އެވެ.

އޭނާގެ މައްޗަށް ކޯޓުގައި ސާބިތުވި ކުށަކީ، އާންމު ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެއްދުމާއި، މުޖްތަމައުގެ ހަމަޖެހުން ނަގައިލަން މަސައްކަތް ކުރުމުގެ ކުށެވެ. މިއީ ޗައިނާ ސަރުކާރަށް ފާޑުކިޔާ މީހުންނާ ދެކޮޅަށް އެންމެ ގިނައިން ސާބިތުކުރާ އެއްކުށެވެ.

މި ކުށުގެ އިތުރުން، ގާނޫނާ ހިލާފަށް ދަނޑުބިމެއް ވެރިކޮށްގެން އުޅުމާއި، ސަރުކާރު މުވައްޒަފުން އެމީހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތު އޭނާގެ މައްޗަށް، ސަރުކާރުން އުފުލާފައިވެއެވެ.

މި ކުށްތައް ސާބިތުވުމުގެ ސަބަބުން 18 އަހަރަށް ޖަލަށް ލުމުގެ އިތުރުން، 3.11 މިލިއަން ޔުއާން އިން ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

އޭނާއަކީ، 2019 ވަނަ އަހަރު ޗައިނާގައި ފެތުރުނު، އެފްރިކަން ސްވައިން ފްލޫގެ ކަންތައް ޗައިނާ ސަރުކާރުން ސިއްރުކޮށްގެން އުޅޭ ކަމަށް ފާޅުގައި ބުނަމުން ދިޔަ މީހުންގެ ތެރެއިން އެކަކެވެ. އެފްރިކަން ސްވައިން ފްލޫ ފެތުރުމުގެ ސަބަބުން، ސުންގެ ދަނޑުތަކުގައި ގެންގުޅުނު ވަރަށް ގިނަ ކުކުޅާއި އަސްދޫނި ފަދަ ތަކެތި މަރުވި އެވެ.

ޝަރީއަތުގެ މަރުހަލާގައި ސުން ވަނީ، އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރު ކޮށްފަ އެވެ. ކޯޓުގައި އޭނާ ސިފަ ކުރެއްވި ގޮތުގައި އޭނާއަކީ، ވެރިކަން ކުރާ ކޮމިޔުނިސްޓް ޕާޓީގެ އާދަޔާ ހިލާފު މެމްބަރެކެވެ. އެހެން ނަމަވެސް، ބައެއް މެސެޖްތައް އޮންލައިންކޮށް ޝާއިއުކުރެވުމަކީ ހެދުނު ގޯހެއް ކަމަށް ކޯޓުގައިވަނީ ބުނެފައެވެ.