އައްޑޫ ސިޓީގެ ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް މޮޑެލަކަށް ތަރައްގީކޮށް، އެ ސިނާއަތުން ލިބޭ މަންފާ މުޅި އަތޮޅަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ އާ ކުންފުންޏެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ކުންފުނި އުފެއްދެވީ އައްޑޫ އަތޮޅުގައި ޓޫރިޒަމްގެ ސިނާއަތް އިތުރަށް ފުޅާކޮށް، އެ ދާއިރާއިން އައްޑޫ އަތޮޅުގެ ބައިވެރިވުން އިތުރުކުރުމުގެ ބޭނުމުގައެވެ.

ރައީސް އޮފީހުން ބުނީ، އާ ކުންފުނީގެ އެންމެ ބޮޑު އެއް މަގުސަދަކީ ހަންކެޑެ މަޝްރޫއުގެ ދަށުން ސަރުކާރުން ކަނޑައަޅާފައިވާ އިގުތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރިއަށްގެންދިއުން ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން މުޅި އައްޑޫ އަތޮޅުގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ޓޫރިޒަމް އެކަށީގެންވާ މިންވަރަކަށް ކުރިއަށް ނުދާތީ އާންމުންގެ ކަންބޮޑުވުން އަބަދުވެސް އޮވެއެވެ. މީގެ ކުރީގެ ސަރުކާރުތަކުން ވެސް ހަންކެޑެ ތަރައްގީ ކުރަން ތަފާތު ވައުދުތައް ވެފައިވީ ނަމަވެސް، އެކި ސަބަބުތަކާ ހުރެ އެ މަސައްކަތްތައް ވަނީ މިހާތަނަށް ނުނިމި ހުއްޓިފައެވެ.