ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ލިއޮނަލް މެސީގެ ކާމިޔާބީތައް ދަނޑުން ބޭރަށް ވެސް މިހާރު ވަނީ ފުޅާވެފައެވެ. އެގޮތުން މެސީ ވަނީ ޔޫރަޕުގެ އެކި ގައުމުތަކުގައި "އެމްއައިއެމް ހޮޓެލްސް" ގެ ނަމުގައި މަތީ ފަންތީގެ ލަގްޒަރީ ހޮޓާ ޗޭނެއް ބިނާކޮށް، ޓޫރިޒަމްގެ ދާއިރާގައި ބޮޑު އެމްޕަޔަރެއް އުފައްދާފައެވެ. މެސީގެ މި ބޫޓީކް ހޮޓާތައް ހުރީ ޓޫރިސްޓުންގެ މެދުގައި މަގުބޫލު އިބިޒާ، މެޖޯކާ، ސިޖަސް، ބަކެއިރާ، ސޮޓޯގްރާންޑޭ އަދި އެންޑޯރާ ފަދަ ސަރަހައްދުތަކުގައެވެ.

މެސީގެ މި ހޮޓާތަކަކީ ޒަމާނީ ފަރުމާތަކާއި، މަތީ ފަންތީގެ ވެލްނަސް ހިދުމަތްތަކުގެ އިތުރުން ފާހަގަކޮށްލެވޭ ރީތި ސަރަހައްދުތަކުގައި ހުރި ތަންތަނެވެ. މި ހޮޓާތައް އިތުރަށް ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ މެލިއާ ހޮޓެލްސް އިންޓަނޭޝަނަލްގެ "ދަ މެލިއާ ކަލެކްޝަން" ގެ ދަށުން މިހާރު ވަނީ މި ތަންތަން މެނޭޖު ކުރަން ފަށާފައެވެ. މީގެ ސަބަބުން މި ހޮޓާތަކުގެ ލަގްޒަރީ ފެންވަރު އިތުރަށް މަތިވެގެންދާނެއެވެ.
ރީތި ގޮނޑުދޮށްތަކާ ކައިރީގައި ހުރި ހޮޓާތަކުން ފެށިގެން ފިނި ފަރުބަދަމަތީގެ ރިސޯޓުތަކާ ހަމައަށް ފެތުރިފައިވާ މެސީގެ މި ހޮޓާ އެމްޕަޔަރަކީ، ފުޓްބޯޅައިގެ ބޭރުން އޭނާ ގެންގުޅޭ ދުރު ރޭވުންތެރިކަމެއްކަން ހާމަވެއެވެ. މިއީ ދަނޑުމަތިން ލިބޭ ކާމިޔާބީގެ އިތުރުން، ދަނޑުން ބޭރުގައި ވެސް މެސީ ކުރާ ބޮޑެތި އިންވެސްޓްމަންޓްތައް ކާމިޔާބުވަމުންދާކަމުގެ ހެއްކެކެވެ.
