ދުނިޔޭގެ މަޝްހޫރު ކޮންޓެއިނަރު ލައިން "އެވަގްރީން" ގެ ހިދުމަތް ރަސްމީކޮށް ރާއްޖެއަށް ތައާރަފުކުރުމާއެކު، ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ގައުމީ އާގު ބޯޓު ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މިއަދު ބުނެފިއެވެ. އެމްއެސްއެސް މެދުވެރިކޮށް ދޭން ފެށި މި ހިދުމަތްތައް އިފްތިތާހު ކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނޮމިކް އެންޑް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި، އެވަގްރީން ޝިޕިންގް އެޖެންސީ ލަންކާގެ ޕްރެޒިޑެންޓް ރިއޯ ޖެންގެ އިތުރުން އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފާއި އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ހަމައެކަނި އާ ޝިޕިންގް ސާވިސްއެއް ފެށުން ނޫން ކަމަށާއި، މިއީ އިތުބާރާއި ގުޅިފައިވާ ވަރުގަދަ ޕާޓްނަޝިޕެއްގެ ފެށުން ކަމަށް އެމްއެސްއެސްއިން ފާހަގަކުރެއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެސްއެސްގެ ކޮމާޝަލް އޮފިސަރު ތޯހާ މުހައްމަދު ބުންޏެވެ. އޭނާ ފާހަގަކުރި ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންޓެއިނަރ ލައިން ކަމަށްވާ އެވަގްރީން އިން ރާއްޖޭގެ މާކެޓަށް ދޭ އިތުބާރަކީ ރާއްޖޭގެ އިގްތިސާދަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް ވެފައި، ޓޫރިޒަމާއި އިގްތިސާދީ އެހެނިހެން ދާއިރާތައް ބާރުމިނެއްގައި ކުރިއަރަމުންދާއިރު، މިފަދަ ވަރުގަދަ އިންޓަނޭޝަނަލް ގުޅުމެއްގެ ސަބަބުން މުދާ އުފުލުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އިންޓަނޭޝަނަލް މާކެޓްތަކުން މުދާ ގެނައުމުގައި އާ ފުރުސަތުތަކެއް ހުޅުވިގެންދާނެއެވެ. މި އާ ހިދުމަތާއެކު ރާއްޖޭގެ މުދާ އުފުލުމުގެ ސިނާއަތަށް ބޮޑު ލުޔެއް ލިބި، ވިޔަފާރިތަކަށް ބޭނުންވާ މުދާ އަވަހަށް ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށް ވެސް އެމްއެސްއެސްއިން ބުންޏެވެ.