މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް 600 މިލިޔަން ޑޮލަރަށްވުރެ އިތުރުވެ، 686.8 މިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މަރުކަޒީ ބޭންކުން އާންމުކުރި ހިސާބުތަކަށް ބަލާއިރު، މިއީ މިދިޔަ މެއި މަހާ އަޅާބަލާއިރު 18.0 މިލިޔަން ޑޮލަރުގެ ދަށްވުމެކެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު މިއީ 17.5 ޕަސަންޓު ދަށް އަދަދެކެވެ.

ރިޒާވްގެ ޖުމްލަ އަދަދު ދަށްވި ކަމުގައި ވިޔަސް، މިއަހަރުގެ ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް ނުވަތަ ޔޫސަބަލް ރިޒާވް ހުރީ 248.9 މިލިޔަން ޑޮލަރުގައެވެ. މެއި މަހާ އަޅާބަލާއިރު ޔޫސަބަލް ރިޒާވް ކުޑަކޮށް ދަށްވި ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު މިއީ ބޮޑު ކުރިއެރުމެކެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު ޔޫސަބަލް ރިޒާވް ހުރީ 203 މިލިޔަން ޑޮލަރުގައި ކަމަށް ވުމުން، މިއީ ގާތްގަނޑަކަށް 23 ޕަސަންޓުގެ ކުރިއެރުމެކެވެ.

އެމްއެމްއޭއިން ހާމަކޮށްފައިވާ ގޮތުގައި، މެއި މަހާ އަޅާބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. ޚާއްސަކޮށް، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު ވަނީ ކުރީ މަހާ އަޅާބަލާއިރު 43 ޕަސަންޓު އިތުރުވެފައެވެ.

މި އަހަރު ނިމޭއިރު ދައުލަތުގެ ރަސްމީ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ. މަރުކަޒީ ބޭންކުން ބުނީ މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރާއި އެ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކާއެކު އަންނާނެ ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން، ސަރުކާރުން އެކުލަވާލާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާއެކު ރާއްޖޭގެ ރިޒާވަށް ހެޔޮ ބަދަލެއް އަންނަމުންދާ ކަމަށް ވޯލްޑް ބޭންކުގެ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް 2026" ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.