ނަފްސާނީ ދުޅަހެޔޮކަން ނުވަތަ 'މެންޓަލް ހެލްތް' އަކީ މިއަދުގެ ދުނިޔޭގައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހިފައިވާ އެއް ކަންތަކެވެ. ނަމަވެސް، ހިތާމައަކީ އަދިވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް މިއީ އެހާ ބޮޑު ކަމަކަށް ނުވުމެވެ. ޚާއްޞަކޮށް ދިވެހި މުޖުތަމައުގެ ތެރޭގައި، ނަފްސާނީ ބަލިތަކަކީ ކަންކަން ނުކުރުމަށްޓަކައި ދައްކާ ބަހަނާއެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ސިފަކުރެއެވެ. އެހެނަސް މިއީ މުޅިން ކުށްހީއެކެވެ. ހަގީގަތަކީ ނަފްސާނީ ބައްޔަކީ ލިޔުމަކުން ބަޔާންކޮށްދޭން ދަތިވާ ފަދަ ވޭނާއި ކެކުޅުން އެކުލެވޭ، އިންސާނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ފަދަ ނުރައްކާތެރި ބައްޔެއް ކަމެވެ. މި ދާއިރާގައި މީހުން ހޭލުންތެރިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމުގައި ސަމާ އިބްރާހިމް ދީދީ ފަދަ ބޭފުޅުން ކުރައްވާ މަސައްކަތަކީ އާދަޔާޚިލާފު، އަގުނުކުރެވޭ ފަދަ ޚިދުމަތެކެވެ.

ދިރިއުޅުމުގެ ސަފުހާތަކަކީ ކޮންމެ މީހަކަށްވެސް ތަފާތު އިމްތިހާނުތަކާއި ކުރިމަތިލާންޖެހޭ ފޮތެކެވެ. މިއީ އެފަދަ ގިނަގުނަ ގޮންޖެހުންތަކެއް ތަހައްމަލުކޮށް، ހިތްވަރާއި ސާބިތުކަމާއެކު ކުރިއަށް ގޮސް މިއަދު އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެވެ.
ހަނޭގަނޑެއްގެ ތެރޭގައި ތިބި ބަޔަކަށް އުންމީދެއް
ދިވެހިރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި، މުޖުތަމައުން ކުރިމަތިވެދާނެ މަލާމާތާއި ފުރައްސާރައަށް ބިރުން، އެމީހުންގެ ތަހައްމަލުތައް ހިތުގެ ފުންމިނުގައި ވަޅުލައިގެން ތިބި އެތައް ބަޔަކުވެސް އެބައުޅެއެވެ. އެހެންނަމަވެސް، މިފަދަ މީހުންގެ އިހުސާސްތައް ދެނަގަނެ، އެމީހުންގެ އަތުގައި ހިފާ، އަލުން މުޖުތަމައަށް ނެރުމަށް މަސައްކަތްކުރާ ހިތްވަރުގަދަ ފަރާތްތަކެއް އަޅުގަނޑުމެންގެ ތެރޭގައި އުޅޭކަމީ އުފާވެރި މަންޒަރެކެވެ. ސަމާ އަކީ އެފަދަ މީހުންނަށް ގައިޑެންސް، ކައުންސެލިންގް އަދި ކޯޗިންގް ފޯރުކޮށްދޭ އޯގާތެރި މެންޓާއެކެވެ.

މުދައްރިސްކަމުގެ ހުވަފެނާއި ކުއްލި ހުރަސް
ސަމާގެ ޚިދުމަތުގެ ދަތުރު ފެށިގެން އައީ މުޅިން ތަފާތު ދާއިރާއަކުންނެވެ. ކުޑައިރުން ފެށިގެންވެސް މީހުންނަށް އެހީތެރިވުމުގެ ލޯބި ހިތުގައި އޮތުމުން، އޭނާ އެންމެ ފުރަތަމަ އިޚްތިޔާރު ކުރީ މުދައްރިސްކަމުގެ ދާއިރާއެވެ. އެގޮތުން އިނގިރޭސި ބަހާއި ބައޮލޮޖީ ކިޔަވައިދެއްވަން ފެއްޓެވިއެވެ. ނަމަވެސް، ކިޔަވައިދިނުމުގެ ތަމްރީނުތައް ފުރިހަމަކުރައްވަމުން ދަނިކޮށް، ސަމާގެ ދިރިއުޅުމަށް ހީނުކުރާ ފަދަ ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނެވެ. ސިއްހީ ހާލަތު ކުއްލިއަކަށް ގޯސްވެ، ހިތުގެ ބޮޑު އޮޕަރޭޝަނެއް ނުވަތަ 'އޯޕަން ހާޓް ސާޖަރީ' އެއް ކުރަން ޖެހުނެވެ.
އޯޕަން ހާޓް ސާޖަރީ: ހިތްވަރުގެ އިމްތިހާނެއް
"ކިޔަވަން ހުއްޓާ ވަރަށް ބޮޑަށް ބަލިވެގެން އޯޕަން ހާޓް ސާޖަރީއެއް ކުރަން ޖެހުނީ. އެހިސާބުން ކިޔަވައިދިނުމުގެ ދާއިރާގައި ކުރިއަށްދިއުމަށް ހުރަސްތަކެއް ކުރިމަތިވި،" ސަމާ އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ. މުދައްރިސްކަމަކީ ގިނަ ވަގުތު ކޮޅަށް ހުރެގެން ވާހަކަދައްކަން ޖެހޭ ބުރަ މަސައްކަތަކަށް ވުމުން، އޭނާގެ ސިއްހީ ހާލަތު އެކަމަށް ތަންނުދިނީއެވެ. މިއީ އޭނާ ކުރަމުން އައި އުންމީދުތަކުގައި ކުލަޖެހުމަށް އެޅުނު ބޮޑު ހުރަހަކަށް ވިޔަސް، ސަމާގެ ހިތުގައިވާ ޚިދުމަތުގެ ރޫހު ފަނޑުކޮށްލުމަށް އެކަން ނުކުޅެދުނެވެ.

އާ މިސްރާބެއް: ހިތްތަކަށް ޝިފާ ހޯދައިދިނުން
އޭނާ ދެންވެސް މަސައްކަތް ކުރީ މީހުންނަށް އެހީތެރިވެދެވޭނެ އެހެން މަގެއް ހޯދުމަށެވެ. އެ މަސައްކަތުގެ ތެރެއިން، ތައުލީމީ ދާއިރާގެ ތެރެއިން 'ގައިޑެންސް އެންޑް ކައުންސެލިން' ދާއިރާއިން ކުރިއަށް ދިއުމުގެ ފުރުސަތު ސަމާއަށް ފަހިވިއެވެ. މިއަދު ސަމާ އިބްރާހިމް ދީދީ އަކީ އެތައް ބައެއްގެ މެންޓާއެކެވެ. ކިޔަވައިދިނުމުގެ ތެރެއިން ކައުންސެލިންގެ ޚިދުމަތް ދެއްވަން ފެއްޓެވި އިރުވެސް، ސަމާ އެންމެ ބޮޑު އިސްކަމެއް ދެއްވީ އޭނާގެ އެހީތެރިކަން ހޯދާ ކޮންމެ މީހެއްގެ ދިރިއުޅުމަށް އުފާވެރިކަމާއި ހެޔޮ ބަދަލެއް ގެނެސްދިނުމަށެވެ. އޭނާއަކީ ދަތިތަކާ އެކުވެސް ހިތްވަރު ދޫނުކޮށް، މުޖުތަމައަށް ޚިދުމަތް ކުރެވިދާނެކަން ސާބިތުކޮށްދިން ރީތި ނަމޫނާއެކެވެ.
ދިރިއުޅުމުގެ ގޮންޖެހުންތަކާއި ބަދަލުގެ ފެށުން
ސަމާގެ ދިރިއުޅުމުގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަރިއަކު ހުރެފައި، ކިޔެވުމާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި ދިމާވި ހުރަސްތަކެވެ. އެ ދުވަސްވަރު ދިރިއުޅުން އެއްތަނެއްގައި "ސްޓަކް" ވެފައިވާ ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. ނަމަވެސް، މި ހާލަތުން އަރައިގަތުމަށް ސަމާ އިސްކަންދިނީ އަމިއްލަ ނަފްސު ތަރައްގީކުރުމަށެވެ. އެގޮތުން އެކި މީސްމީހުންގެ މޯޓިވޭޝަނަލް ސްޕީޗްތައް އަޑުއަހައި، ތަފާތު ތަމްރީނު ޕްރޮގްރާމްތަކުން އޭނާ ހިތްވަރު ހޯދިއެވެ.
ސަމާގެ ދިރިއުޅުން ބަދަލުކޮށްލުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ޕަބްލިކް އެގްޒަމިނޭޝަންގައި އުޅުނު ދުވަސްވަރު އެ އިދާރާއިން ބޭއްވި "ޗޭންޖް މެނޭޖްމަންޓް" ޓްރެއިނިންގްއެވެ. އެ ސެޝަނަކީ އުނދަގޫ ހާލަތްތަކުން އަރައިގަނެ، ކުރިއަށްދާނެ މަގު އޭނާއަށް ދަސްކޮށްދިން މުހިންމު ތަމްރީނެއްކަމަށް ސަމާ ފާހަގަކުރެއެވެ.
ކާމިޔާބީގެ ފަހަތުގައިވާ އެހީތެރިކަން
ސަމާ މިއަދު ހުރި ހިސާބަށް ވާސިލުވުމުގައި އޭނާގެ އާއިލާގެ ދައުރު ވަރަށް ބޮޑެވެ. އޭނާގެ މައިންބަފައިންނާއި، ކޮއްކޮގެ ފަރާތުން ލިބުނު މެދުކެނޑުމެއްނެތް އެހީތެރިކަމާއި، ދަރިފުޅުގެ މުސްތަގުބަލަށްޓަކައި އެ ފަރާތްތަކުން ދިން އަގުހުރި ނަސޭހަތްތަކަކީ އޭނާގެ ކުރިއެރުމުގެ ސިއްރެވެ. މީގެ އިތުރުން، އެކި މަރުހަލާތަކުގައި ތަމްރީނު ދެއްވި ބޭފުޅުންގެ އިރުޝާދުތަކުގައި ހިފަހައްޓައިގެން ކުރި ބުރަ މަސައްކަތަކީ އޭނާގެ ކާމިޔާބީގެ ބިންގަލެވެ.
ކުއެރޯ ގައިޑެންސް ސެންޓަރާއި "ސަމާ ޝޯ"
މިއަދު ސަމާ އަކީ ވަރަށް ކާމިޔާބުކަމާއެކު "ކުއެރޯ ގައިޑެންސް ސެންޓާ" ހިންގަމުން އަންނަ ހިންގުންތެރިއެކެވެ. މި ސެންޓަރު އުފެދުނުތާ ހަތަރު އަހަރުވެފައިވާއިރު، ތަފާތު ދާއިރާތަކުން ގިނަ ބައެއްގެ ދިރިއުޅުމަށް އުފާވެރިކަމާއި އުންމީދު ގެނެސްދީފައިވެއެވެ. މީގެ އިތުރުން، މިދިޔަ އަހަރުން ފެށިގެން އޭނާ އަންނަނީ "ސަމާ ޝޯ ހަޔާތުގެ ދަތުރު" ނަމުގައި ޕޮޑްކާސްޓެއް ވެސް ކުރިއަށް ގެންދަމުންނެވެ. މި ޕޮޑްކާސްޓުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ މައުލޫމާތާއި، ތަޖުރިބާކާރުންގެ އިރުޝާދު ފޯރުކޮށްދިނުމެވެ.

މަސައްކަތުގައި ހުރި ހުރަސްތަކާއި ގޮންޖެހުންތައް
ކާމިޔާބީއާ ހަމައަށް ވާސިލުވުމަކީ ފަސޭހަ ކަމެއް ނޫންކަން ސަމާ ފާހަގަކުރެއެވެ. އޭނާގެ މަސައްކަތުގައި ދިމާވި އެންމެ ބޮޑު އެއް ހުރަހަކީ އެކަށީގެންވާ ސަޕޯޓިވް މާހައުލެއް ނެތުމެވެ. ވަކިން ހާއްސަކޮށް، އަންހެނަކަށް ވީތީ ކުރިމަތިވާ ގޮންޖެހުންތަކާއި، އިޖުތިމާއީ ދާއިރާގައި މަސައްކަތް ކުރާއިރު ދިމާވާ "ސިސްޓަމް ފްލޯސް" ނުވަތަ ނިޒާމީ މައްސަލަތައް އޭނާ ފާހަގަކުރިއެވެ. "ޖެނެރަލީ ބުނެލާނީ އެންމެ ސަޕޯޓް ލިބެންޖެހޭ މީހުންގެ ފަރާތުން އެ ސަޕޯޓެއް ނުލިބޭ،" ސަމާ ހިތާމައާއެކު ބުންޏެވެ.
ކޮންމެއަކަސް، ސަމާގެ ދިރިއުޅުމަކީ ގޮންޖެހުންތަކާ ކުރިމަތިލައި، އަމިއްލަ ނަފްސަށް އިތުބާރުކޮށް، ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަމުގެ ނަމޫނާއެކެވެ. އޭނާގެ އުންމީދަކީ އޭނާގެ މަސައްކަތުން އިތުރު ބައެއްގެ ދިރިއުޅުން އަލިވެގެން ދިއުމެވެ.

ދާއިރާގައި ހުރި ގޮންޖެހުންތަކާއި ލީޑަޝިޕްގެ ދަތިކަން
ސަމާ ފާހަގަކުރާ ގޮތުގައި މި ދާއިރާގައި ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދޭންވާ ހިދުމަތް އެންމެ ފުރިހަމައަށް ފޯރުކޮށްނުދެވުމެވެ. މީގެ އިތުރުން، މި ދާއިރާ ހަރުދަނާކޮށް ކުރިއަށް ގެންދާނެ ޒުވާން ލީޑަރުން ނުލިބުމަކީ އޭނާ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. ސަމާ ބުނާ ގޮތުގައި މިހާރު ތިއްބެވި ލީޑަރުންގެ ފަރާތުން ޒުވާނުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްނުދެވުމާއި، ސިސްޓަމްގެ ތެރެއިން ދިމާވާ ހުރަސްތަކުގެ ސަބަބުން ޒުވާނުން މި ދާއިރާއަށް ނުކުތުމަށް ފަސްޖެހެއެވެ. މިހާރު ތިބި ތަޖުރިބާކާރުން މަސައްކަތުން ދުރުވާއިރު، އެ މަގާމުތަކާ ހަވާލުވާނެ ތަމްރީނުލިބިފައިވާ ޒުވާނުން ނެތުމަކީ މުސްތަގުބަލަށް އޮތް ބޮޑު ބިރެކެވެ. އެހެންނަމަވެސް، އެންމެން ގުޅިގެން ޒުވާން ލީޑަރުން ބިނާކުރުމަށް މަސައްކަތް ކޮށްފިނަމަ މިކަމަށް ހައްލެއް ލިބޭނެ ކަމަށް ސަމާ ގަބޫލުކުރެއެވެ.

މަރުގެ ތުންފަތްމަތިން މީހަކު ސަލާމަތްކުރުން: ސަމާގެ ހަނދާނީ ތަޖުރިބާ
ކޮންމެ ދުވަހަކީވެސް ތަފާތު ތަޖުރިބާތަކެއް ކުރެވޭ ދުވަހެއް ނަމަވެސް، ސަމާގެ ހަޔާތުގައި ފޮހެލަން ދަތި ދުވަހަކީ އަމިއްލައަށް މަރުވާން އުޅުނު މީހަކަށް އެހީތެރިވެ، އޭނާގެ ދިރިއުޅުން އާރާސްތުކޮށްދެވުނު ދުވަހެވެ. "އެއީ ވަރަށް އުފާވި ދުވަހެއް،" ސަމާ ބުންޏެވެ. އޭނާގެ އިރުޝާދުގެ ދަށުން އެނބުރި މުޖުތަމައަށް އައި އެ މީހާއަކީ މިއަދު ޒިންމާދާރު ވަޒީފާއެއް އަދާކުރަމުންދާ މީހަކަށް ވުމީ ސަމާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.
ހޭލުންތެރިކަން ކުޑަވުމާއި ފަރުވާގެ މަރުހަލާތައް
ނަފްސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައު ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަން ސަމާ ފާހަގަކުރެއެވެ. އޭނާ ބުނާ ގޮތުގައި މީހަކު ނަފްސާނީ ބަލިމަޑުކަމަކާ ހަމައަށް ދަނީ އެތައް މަރުހަލާތަކެއް ކަޑައްތު ކުރުމަށްފަހުގައެވެ. ނަމަވެސް އެހީތެރިކަން ހޯދާނެ ރަނގަޅު މަގު ގިނަ ބަޔަކަށް ނޭނގެއެވެ. މި ދާއިރާގައި ހިމެނޭ މައިގަނޑު ހަތަރު ބައި ސަމާ ތަފްސީލުކޮށްދިނެވެ:
ސައިކޭޓްރިސްޓުން: ބޭސް ބޭނުންކޮށްގެން ފަރުވާދޭ މެޑިކަލް ޑޮކްޓަރުން.
ސައިކޮލޮޖިސްޓުން: ވާހަކަދައްކައިގެން (ތެރަޕީ) ފަރުވާދޭ މީހުން.
ކައުންސެލަރުން: ދިރިއުޅުމުގެ އާންމު މައްސަލަތަކުގައި އިރުޝާދުދޭ ފަރާތްތައް.
ސައިކޮލޮޖިކަލް ފަސްޓް އެއިޑް: ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ވަގުތުން ދެވޭ އެހީ.
ރަނގަޅު ފަރުވާ ހޯދުމުގެ މުހިންމުކަން
ސަމާގެ ސެންޓަރަށް އަންނަ ގިނަ މީހުންނަށް އޮންނަ އެންމެ ބޮޑު އޮޅުމަކީ ކާކުގެ ކައިރިން ކޮންކަހަލަ ފަރުވާއެއް ހޯދަންވީ ކަމެވެ. "ސަމާގެ ސެންޓަރަށް އަންނަ މީހުން ވެސް އަހާނެ ތިމަންނަ ނަގަންވީ ކައުންސިލިންގެ ހޭ ނޫންނަމަ ސައިކޮލިޖިސްޓަކަށްހޭ ދައްކަންވީ،" ސަމާ ކިޔައިދިނެވެ. އޭނާ އިލްތިމާސްކުރަނީ ފަރުވާ ހޯދުމުގެ ކުރިން، ތިމާގެ ހާލަތާ ގުޅޭ ރަނގަޅު މަގު ހޯދުމަށެވެ. ސަބަބަކީ އެކަށީގެންވާ ފަރުވާގެ ބަދަލުގައި ނުބައި ފަރުވާއެއް ލިބިއްޖެނަމަ، ބަލިމީހާގެ ތަކުލީފުތައް އިތުރަށް ބޮޑުވެގެންދާނެތީއެވެ.

ފަންނީ އެހީތެރިކަމުގެ މުހިންމުކަން
ސަމާ ފާހަގަކުރެއްވި ގޮތުގައި، ގިނަ ފަހަރަށް ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމެންޓެއް ހޯދުމަކީ ދިގު އިންތިޒާރެއް ކުރަންޖެހޭ ކަމެކެވެ. އެހެންކަމުން، އެޕޮއިންޓްމެންޓަކަށް އިންތިޒާރުކުރާ މުއްދަތުގެ ތެރޭގައިވެސް، މުޖުތަމަޢުގައި މިވަގުތު ތިބި މިކަމާ ގުޅޭ ފަންނީ މާހިރެއްގެ އިރުޝާދާއި ލަފާ ހޯދައިގެން ކުރިއަށް ދިއުމަކީ މިކަމަށް އޮތް އެންމެ ފައިދާހުރި ގޮތް ކަމަށް އޭނާ ދެކެއެވެ. މީގެ ސަބަބުން ބަލި އިތުރަށް ގޯސްވިޔަނުދީ ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.
އިހުސާސްތައް ހިއްސާކުރުމާއި ދީނީ ކަންކަމަށް ސަމާލުކަންދިނުން
ދިރިއުޅުމުގައި ކުރިމަތިވާ ތަކުލީފުތައް އެހެން މީހުންނާ ހިއްސާކުރުމަކީ ފަރުވާގެ މުހިންމު ބައެއްކަން ސަމާ ފާހަގަކުރެއްވިއެވެ. މިސާލަކަށް، މާބޮޑަށް ރޮވުމާއި، އަމިއްލައަށް ބުނެދޭން ދަތި އިހުސާސްތަކެއް ކުރެވޭނަމަ، އެފަދަ ވާހަކަތައް އިތުބާރުހުރި ފަރާތަކާ ހިއްސާކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ލިބިދޭ ބާރެކެވެ.

ހަމައެއާއެކު، ރަހުމަތްތެރިންނާއެކު ވަގުތު ހޭދަކުރުމާއި، ގުރުއާން ކިޔަވައި ނަމާދުކުރުމަކީ ހިތްހަމަޖެހުން ލިބިދޭނެ ކަންކަމެވެ. އަދި ބައެއް ފަހަރު ކުރަން ބޭނުންނުވި ނަމަވެސް، ހިތްވަރާއި އަޒުމާއެކު ދިރިއުޅުމުގެ ޒަރޫރީ ކަންކަން ކުރުމަށް އަމިއްލަ ނަފްސަށް ބާރުއެޅުމަކީވެސް މިފަދަ ހާލަތްތަކުން އަރައިގަތުމަށް އެހީތެރިވެދޭނެ ކަންކަން ކަމުގައި އޭނާ ވިދާޅުވިއެވެ.
ފަރުވާ ހޯދުމަށް ބާރުއެޅުން
ވާހަކަ ނިންމާލަމުން ސަމާ އެދިފައިވަނީ، މުޖުތަމައުން ފާޑުކިޔައިފާނެތީ ޖެހިލުންނުވެ، ނަފްސާނީ ބައްޔެއް ތަހައްމަލުކުރާ ކޮންމެ މީހަކުވެސް ވީ އެންމެ އަވަހަކަށް ފަރުވާ ހޯދުމަށެވެ. ކޮންމެ ކަމަކަށްވެސް ހައްލެއް އޮންނާނެކަން ފާހަގަކުރަމުން، އޭނާ ހިންގާ "ކުއެރޯ ގައިޑެންސް ސެންޓަރު" އަކީ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަބަދުވެސް ތައްޔާރަށް އޮތް ތަނެއްކަމުގެ ޔަގީންކަން އޭނާ ދިނެވެ.
އުންމީދީ އާ ފެށުމަކަށް
ނިންމާލަމުން ދަންނަވާނީ، ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބައްޔަކުން ސަލާމަތްވުމެއް ނޫނެވެ. އެއީ ތިމާގެ އަމިއްލަ ނަފްސުގެ އަގު ވަޒަންކޮށް، ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅަކަށް އާ ދިރުމެއް ގެނައުމެވެ. ސަމާގެ ވާހަކަތަކުން ލިބިދޭ އެންމެ ބޮޑު ފިލާވަޅަކީ، އަނދިރިކަމުގެ ތެރޭގައި އެކަނިވެފައިވާ ކަމަށް އިހުސާސް ކުރެވުނަސް، އެހީތެރިކަމުގެ އަތެއް އަބަދުވެސް ދިއްކޮށްލެވިފައި އޮންނާނެ ކަމެވެ.
