ރަޝިއާ އާއި ޗައިނާ އިން އެމެރިކާއާއި ދެކޮޅަށް ދެމުންގެންދާ ސައިބާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގައި ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެއެވެ.

ބައިޑެން ސަރުކާރުގެ އެޖެންޑާގައި އެންމެ އިސްކަމެއްދީގެން ކުރަމުން އަންނަ ކަމަކީ އެގައުމަށް އަންނަ ސައިބާ ހަމަލާތަކުން ދިފާއުވުމުގެ މަސައްކަތެވެ.

އެގޮތުން ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ ސޯލާވިންޑް ކުންފުނިތަކަށާއި، ޕައިޕްލައިން ކުންފުނިތަކާއި، އެއްގަމު މަސް ބަންދުކުރާ ކުންފުނިތަކަށް އަމާޒުކޮށްގެން ވަނީ ސައިބާ ހަމަލާތައްް ދީފައެވެ. އެމެރިކާ އިން ސައިބާ ހަމަލާތަކުން ދިފާއުވުމަށް އެންމެ އިސްކަމެއް ދީގެން އެކަން ކުރަމުން އަންނަނީ މި ހަމަލާތަކުގެ ސަބަބުން ކާބޯތަކެއްޗާއި ތެލުގެ ސިނާއަތަށް ގެއްލުން ވާތީއެވެ.

އެމެރިކާގެ ގައުމީ ޖާސޫސީ އިދާރާއަށް ކުރެއްވި ޒިޔާރަތެއްގައި ވާހަކަ ދައްކަވަމުން ރަޝިއާ އާއި ޗައިނާއަށް އިޝާރާތް ކުރައްވާ ބައިޑެން ވިދާޅުވީ އެމެރިކާ އަށް ދެމުންދާ ސައިބާ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވެ ވަޑައިގެން ސައިބާ ހަމަލާތަކާއި، އެ ހަމަލާތަކުން ދިފާއުވުމަށް އެމެރިކާގެ އިސް ބޭފުޅުންނާ ވަނީ މަޝްވަރާ ކުރައްވައިފައެވެ. ވައިޓްހައުސްއިން ބުނީ ޗައިނާއިން އެމެރިކާއާ ދެކޮޅަށް ދެމުންގެންދާ ހަމަލާތަކަކީ ދުނިޔޭގައި އަސްކަރީ ގޮތުން އޮތް އެންމެ ބޮޑު ބާރަކަށް ވުމަށް ދެމުން އަންނަ ހަމަލާތަކެއްގެ ގޮތުގައި ބައިޑެން ސިފަކުރައްވާ ކަމަށެވެ. 

2040ގެ އަހަރުތަކުގެ ތެރޭގައި އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުން ދުނިޔޭގެ އެންމެ ބޮޑު ބާރަށް ޗައިނާ ވެދާނެ ކަމުގެ އިންޒާރު ދުނިޔޭގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.